ޚަބަރު

ކެޕިޓޮލް ކައިރީގައި އަލިފާނުގެ ހާދިޘާއެއް ހިންގުމުން ރިހާސަލް މެދުކަނޑާލައިފި


އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ރައީސްކަމުގެ ހުވައިކުރައްވާ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން ކެޕިޓޮލް އިމާރާތުގައި ރިހާސަލެއް ކުރިއަށް ދިޔަ ވަގުތު، އެ އިމާރާތާއި ކައިރި ހިސާބެއްގައި އަލިފާނުގެ ހާދިޘާއެއް ހިންގުމުން ރިހާސަލް މެދުކަނދާލައިފިއެވެ.

އަލިފާނުގެ ހާދިޘާ ހިންގާފައިވަނީ ކެޕިޓޮލް އިމާރާތާއި 1.6 ކިލޯމީޓަރު ދުރުގައި ހުންނަ ގެދޮރު ނެތް މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ އިމާރާތެއްގައެވެ. އެ ހާދިޘާގެ ސަބަބުން އެ ސަރަޙައްދުގައިވަނީ ދުން އުފެދިފައެވެ. ނަމަވެސް އަލިފާނުގެ ސަބަބުން އާންމުންނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށާއި ހުވައިކުރުމުގެ ރަސްމިއްޔާތަށް އެ އަލިފާނުގެ އަސަރު ނުކުރާނެކަމަށް ދިފާޢީ ބާރުތަކުން ބުންޏެވެ.

ކައިރި ސަރަޙައްދެއްގައި ދުން އެރުމުގެ ސަބަބުން ރިހާސަލަށް ހާޒިރުވެތިބި ބައެއް ފަރާތްތައްވަނީ އެ އިމާރާތުން ބޭރުކޮށް، މުޅި އިމާރާތެއް ވަދެ ނިކުމެ ނޫޅެވޭގޮތަށް ބަންދުކޮށްފައެވެ. ކެޕިޓޮލްގެ ފުލުހުންގެ އިސްވެރިޔާ އެގޮތަށް ޢަމަލުކުރައްވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައިކަމަށް ރަސްމީ ފަރާތްތަކުން ބުންޏެވެ. ރިހާސަލްގައި އިންތިޚާބީ ރައީސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ކެޕިޓޮލް އިމާރާތާއި ކައިރި ހިސާބެއްގައި އަލިފާނުގެ ހާދިޘާއެއް ހިންގުމުން އެ އިމާރާތުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވަނީ ޖަނަވަރީ މަހުގެ 6ވަނަ ދުވަހު އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ޖޯ ބައިޑަންކަން ކަށަވަރުކުރުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ކެޕިޓޮލް އިމާރާތަށް ވަދެގަނެ އެތަނުގައި ހަމަނުޖެހުން އުފައްދައި ބޮޑެތި ގެއްލުންތައް ދީފައިވަނިކޮށެވެ.

ފަސް މީހުން މަރުވި މި ހާދިޘާއަށްފަހު ކެޕިޓޮލް ސަރަޙައްދުގައި ސަލާމަތީ ކަންކަންވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ހުވައިކުރުމުގެ ރަސްމިއްޔާތާއި ދިމާކޮށް އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ހަތިޔާރު އަޅައިގެން މުޒާހަރާކޮށްފާނެކަމުގެ އިންޒާރު ޖާސޫސީ އިދާރާތަކުން ދީފައިވާތީ ހުރިހާ ސްޓޭޓަކުންވެސް ދަނީ އެފަދަ ހާދިޘާއެއް ހިންގިޔަ ނުދިނުމަށް ފިޔަވަޅު އަޅަމުންނެވެ.

ޖޯ ބައިޑަންގެ ހުވައިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައެވެ.