ބުރެޒިލުގައި ކޯވިޑް-19ގެ ދެ ވެކްސިނެއް ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ހިއްދަ ދީފިއެވެ.
ބުރެޒިލުގައި މިހާތަނަށް 8.48 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 209،868 މީހުންވަނީ މަރުވެފައެވެ. އެ ބަލީގައި އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވި ޤައުމުގެ ގޮތުގައި އޮތީ ބުރެޒިލެވެ. އެ ޤައުމުން މިވަގުތު ދަނީ ކޯވިޑް-19ގެ ދެވަނަ ރާޅަކާއި ހަނގުރާމަކުރަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 31،394 މީހުންނަށް ބަލިޖެހި 518 މީހުންވަނީ މަރުވެފައެވެ.
ބުރެޒިލުގެ ބޭހާއި ވެކްސިން ބޭނުންކުރުމުގެ ހުއްދަދޭ އިދާރާއިންވަނީ ޗައިނާގެ ސިނޯވެކް ބަޔޯޓެކާއި އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާގެ ވެކްސިން އެ ޤައުމުގައި ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ. ފަސް ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކަކަށްފަހު ވެކްސިނަށް ޙުއްދަ ދީފައިވަނީ އެ އިދާރާގެ ޑިރެކްޓަރުންގެ ބޯޑުގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ. ވެކްސިންތަކަށް ޙުއްދަ ދިނުމުގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބުރެޒިލުގެ ސައޯ ޕައުލޯގެ އުމުރުން 54 އަހަރުގެ ނަރުހަކަށް ޗައިނާގެ ވެކްސިންވަނީ ދީފައެވެ.
ކޯވިޑް-19ގެ ސަބަބުން ބުރެޒިލަށް ކުރިމަތިވެފައިވާ ޙާލަތު އެއް ދުވަހުން އަނެއް ދުވަހަށްދަނީ ގޯސްވަމުންނެވެ. އޭގެ ސަބަބުން ވެކްސިން ނުޖެއްސެވުމަށް ނިންމަވާފައިވާ، އަދި ކޯވިޑް-19އަކީ އާދައިގެ ރޯގަލެއްކަމަށް ސިފަކުރައްވަމުންދާ ބުރެޒިލުގެ ރައީސް ޚައިރް ބޮލްސޮނާރޯއަށްވަނީ އެ ޤައުމުގައި ކޯވިޑް-19އާއި ދެކޮޅަށް ވެކްސިން ދިނުމުގެ މަޝްރޫޢެއް ފެށުމަށް އާންމުންނާއި އިދާރާތަކުގެ ފަރާތުން ފިއްތުންތައް ކުރިމަތިވަމުންނެވެ.
ބުރެޒިލުގެ ސަރުކާރުން މަސައްކަތްކުރަމުން ދިޔައީ މި ހަފުތާގެ ތެރޭގައި ޤައުމީ ވެކްސިން މަޝްރޫޢެއް ފެށުމަށެވެ. ނަމަވެސް ވެކްސިންތައް ލިބުމުގައި ކުރިމަތިވެފައިވާ ލަސްތަކާއި ތަހުލީލުތަކުގެ ނަތީޖާ ލިބުމުގައި ހުރި ލަސްތަކުގެ ސަބަބުން އެ ޤައުމުގައި ވެކްސިން ދިނުމުގެ މަޝްރޫޢު މިހާތަނަށް ފެށިފައެއް ނުވެއެވެ. އެސްޓްރަޒެނެކާގެ ވެކްސިން ޑޯޒްތައް އަދިވެސް އެ ޤައުމާއި ހިސާބަށް ފޯރާފައެއް ނުވެއެވެ.
ސައޯ ޕައުލޯގެ ގަވަރުނަރު، ހޮއާއޯ ޑޯރިއާ ވިދާޅުވީ މިހާރުން މިހާރަށްވެސް ބުރެޒިލުގައި ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ މަސައްކަތް ފެށިދާނެކަމަށެވެ. ނަމަވެސް ޞިއްޙަތާއިބެހޭ ވަޒީރު، އެޑުއާޑޯ ޕަޒުއެލޯ ވިދާޅުވީ ވެކްސިން ބެހުމުގެ މަސައްކަތް ފަށާނީ ހޯމަ ދުވަހުގައިކަމަށެވެ. ދުވަސްކޮޅެއް ފަހުން ދުވާލެއްގެ މައްޗަށް އެއް މިލިއަން މީހުންނަށް އެ ޤައުމުގައި ވެކްސިން ދެވޭނެކަމަށް ޞިއްޙަތާއިބެހޭ ވަޒީރު ވިދާޅުވިއެވެ.