އޮސްޓްރޭލިއާގެ އާބާދީގެ ބޮޑު ބަޔަކަށް ކޯވިޑް-19 ވެކްސިން ދިން ކަމުގައި ވިޔަސް މި އަހަރުގެ ތެރޭގައި އެ ޤައުމުގެ ބައިނަލްއަޤްވާމީ ސަރަޙައްދީ ރޮނގުތައް އެއްކޮށް ހުޅުވާލާނެކަމަށް ނުބެލެވޭކަމަށް އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާގައި މިހާތަނަށް 28،721 މީހުންނަށް ކޯވިޑް-19 ޖެހި 909 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. އެ ޤައުމުގައި މުޖުތަމަޢުގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ ޖަނަވަރީ މަހުގެ 17ވަނަ ދުވަހުގައެވެ.
ކޯވިޑް-19އާއި ދެކޮޅަށް އުފައްދާފައިވާ ފައިޒަރ ވެކްސިން ދިނުމުން މަދު ޢަދަދެއްގެ އުމުރުން ދުވަސްވީ މީހުން މަރުވެފައިވާކަމަށް ނޯވޭއިން ރިޕޯޓު ކުރުމާއިއެކު އޮސްޓްރޭލިއާއިންދަނީ އެކަން އިތުރަށް ބަލަމުންނެވެ. ނަމަވެސް އަންނަ މަހުގެ ތެރޭގައި އެ ޤައުމުގައި ވެކްސިން ދޭން ފަށާނެކަމަށް ބެލެވެއެވެ. ޞިއްޙަތާއިބެހޭ ވަޒީރު ބްރެންޑަން މާފީ ވިދާޅުވީ އާބާދީގެ ބޮޑު ބަޔަކަށް ކޯވިޑް-19 ވެކްސިން ދިން ނަމަވެސް އޭގެ ސަބަބުން ބަލިޖައްސާ ވައިރަސް ފެތުރުން ހުއްޓޭނެކަން ޔަޤީން ނުވާކަމަށެވެ.
އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ކޯވިޑް-19އާއި ދެކޮޅަށް އޮސްޓްރޭލިއާއިން ކޮށްފައިވާ މަސައްކަތަކީ ވަރަށް ހަރުދަނާ މަސައްކަތްތަކެއްކަމަށްވަނީ ފާހަގަވެފައެވެ. އެގޮތުން ޚާއްޞަ ފުރަބަންދުތައް ޤާއިމްކޮށް، ތަހުލީލުކުރާ މިންވަރު އިތުރުކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކޮށް އެ ޤައުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނީ ވަރަށް ފުރިހަމައަށެވެ.
ކޯވިޑް-19 ޖެހިފައިވާ ގިނަ ޢަދަދެއްގެ މީހުން އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް ސްޓޭޓުން ފެނުމުން އެހެން ސްޓޭޓުތަކުންވަނީ ނިއު ސައުތު ވޭލްސްއަށް ނުވަތަ އެ ސްޓޭޓުގައި ހިމެނޭބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް އެ ސްޓޭޓުތަކަށް ދަތުރުނުކުރެވޭފަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. ނިއު ސައުތު ވޭލްސްގެ ސްޓޭޓް ޕްރެމިއާ ގްލޭޑީސް ބެރެޖިކްލިއަން ވިދާޅުވީ ވައެއް ވިޔަފާރިތަކާއި އެހެނިހެން ތަންތަނަށް ކޯވިޑް-19 ވެކްސިން ޖަހާފައިނުވާ މީހުން ނުވެއްދޭ ގޮތަށް ހެދުމަށް އެ ވިޔަފާރިތަކުން ހުށަހަޅަމުންދާ ހުށަހެޅުންތަކަށް ސަރުކާރުގެ ފަރާތުން ތާއީދު ކުރުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް ބައެއް އެއާލައިނުތަކުން ވެކްސިން ޖަހާފައި ނުވާ މީހުންނަށް ޚިދުމަތް ނުދޭނެކަމަށް އިޝާރާތް ކުރަމުންދާކަމަށާއި އެއީ ވެކްސިން ޖެހުމަށް އާންމުންނަށް ލިބޭ ހިތްވަރެއްކަމަށެވެ.