ކުޅިވަރު

ޓޮޓްނަމް އާއި ޝެފީލްޑް ޔުނައިޓެޑްގެ މެޗް ޓޮޓްނަމް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރިމެޗް ޓޮޓްނަމް ކާމިޔާބުކޮށްފިއެވެ. ޝެފީލްޑްގެ ދަނޑުގައި ކުޅުނު މިމެޗް ޓޮޓްނަމް ކާމިޔާބުކުރީ 3 ލަނޑު އެއް ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފަސްވަނަ މިނެޓްގައި ޖަހައިދިނީ ސޮން ހިއުންގ މިން ނަގާދިން ކޯނަރަކުން ޓޮޓްނަމްގެ ސާރޖީ އައުރިއަރއެވެ. އަދި ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް އެޓީމްގެ ދެވަނަ ލަނޑު ޖަހައިދިނީ ތަޖްރިބާކާރު ފޯވަޑް ހެރީ ކޭންއެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 12 ވަނަ ލީގު ލަނޑެވެ. މިމެޗްގައި ޝެފީލްޑްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ޖަހައިދިނީ ޑޭވިޑް މެކްގޯލްޑްރިކްއެވެ. އަދި ޓޮޓްނަމްގެ ފަހު ލަނޑު އޭގެ ތިން މިނެޓް ފަހުން ޖަހައިދިނީ ޓަންގައި އެންޑޮމްބެލޭއެވެ.

މިއީ ލީގުގައި އެންމެފަހުން ޓޮޓްނަމް ކުޅުނު ހަތްމެޗްގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ.
މިކާމިޔާބީއާއެކު ޓޮޓްނަމް ވަނީ ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ މިހާތަނަށް ކުޅެފައިވާ 18 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކުއެވެ. އަދި ހަތަރުވަނައިގާ މިވަގުތު އޮތް ލިވަޕޫލާއި އެއް ޕޮއިންޓަށް ކައިރިކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓްނަމްގެ ކޯޗު މޮރީނިއޯ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ކުޅުންތެރިން ގެ ފަރަތުން ފެނުނީ ރަގަޅު ކުޅުމެކެވެ. މިގޮތުން މެޗް ކޮންޓްރޯލްކޮށް ފުރަތަމަ ހާފްގެ ތެރޭގައި މެޗްގެ ނަތީޖާ ނެރެވޭ ވަރަށް ލަނޑު ޖަހާނެ ފުރުސަތުވެސް ތަނަވަސް ކުރިކަމަށް އޭނާ ހާމަކުރިއެވެ.

ފަސް ޕޮއިންޓާއެކު ތާވަލްގެ ފުލުގައި އޮތް ޝެފީލްޑްގެ ކޯޗު ކްރިސް ވައިލްޑަރ ހާމަކުރިގޮތުގައި މިކަހަލަ މެޗެއްގައި ފެށުން ރަނގަޅު ކުރަން ޖެހޭ ކަމަށާއި އޭނާގެ ޓީމަށް ރޭގެ މެޗްގައި އެކަން ކުރެވޭ ގޮތެއް ނުވި ކަމަށެވެ.