ކުޅިވަރު

ލިވަޕޫލް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވި ނަމަވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ދެޓީމަށްވެސް ލިބިފައިވެއެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކި އިރު ޔުނައިޓެޑުންވަނީ ލިވަޕޫލަށް ރަގަޅު ހަމަލާއެއް އުފެއްދުނަ ނުދީ ރަގަޅަށް ޑިފެންޑް ކޮށްފައެވެ. އަދި ދެވަނަ ހާފްގައި ޔުނައިޓެޑުންވެސްވަނީ އެޓީމްގެ ކުޅުން ރަގަޅުކޮށް ނުރައްކާ ތެރި ހަމަލާތަކެއް ލިވަޕޫލްގެ ގޯލަށް އަމާޒުކޮށްފައެވެ. މެޗްގެ އެންމެ ނުރައްކާތެރި ދެ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިގޮތުން ފުރަތަމަ ހަމަލާ ބްރޫނޯ ފެނާންޑޭޒް ފޮނުވާލި އިރު ދެވަނަ ހަމަލާ ފޮނުވާލާފައިވަނީ ޕޯލް ޕޮގްބާއެވެ. މިދެ ހަމަލާވެސްވަނީ ލިވަޕޫލްގެ ކީޕަރ އެލިސަން ބެކަރ ވަރަށް ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ. މިމެޗްގައި ލިވަޕޫލުން ޔުނައިޓެޑް ގެ ގޯލަށް ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލާފައިވަނީ ތިއާގޯ އަލްކަންޓާރާއެވެ. ނަމަވެސް މި ހަމަލާވަނީ ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑި ގެއާ މަތަކޮށްފައެވެ.

މިމެޗް އެއްވަރު ވުމުން ޔުނައިޓެޑަށްވަނީ ޕޮއިންޓް ތާވަލްގައި 2 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ ކުޅުނު 18 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑްގެ ކޯޗް އޮލޭ ގުނަރ ސޯލްޝަޔަރ ހާމަކުރިގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް އެޓީމްގެ ދަނޑުގައި ކުޅެ ޕޮއިންޓެއް ލިބުމުން ހިތްހަމަ ޖެހޭ ކަމާށާއި ނަމަވެސް އޭނާގެ ޓީމަށް މެޗުން މޮޅު ވާނެ ރަގަޅު ފުރުސަތު ލިބުނު ކަންވެސް އޭނާ ފާހަގަކުރިއެވެ.

މިމެޗް ލަނޑެއް ނުޖެހި އެއްވަރުވުމުން މިއީ ލީގުގައި ޖެހިޖެހިގެން ލަނޑެއް ނުޖެހި ލިވަޕޫލުން ނިންމާލަންޖެހުނު ތިންވަނަ މެޗެވެ. އަދި މިދިޔަ ސީޒަންގައި އެންމެ ފާހަގަކޮށްލެވުނު ފޯވަޑް ލައިނުގެ ގޮތުގައި ވި ލިވަޕޫލްގެ ފޯވަޑް ލައިނުގައި ކުޅެމުންދާ މުހައްމަދު ސަލާ، ސާޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯއަށް ފަހަކަށް އައިސް މާރަގަޅު ހަމަލާތަކެއް އުފެއްދޭ ތަނެއް ނުފެނެއެވެ. އަދި މިމެޗް އެއްވަރު ވުމުން އެޓީމް މިހާރު ވަނީ ކުޅުނު 18 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައަށް ވެއްޓިފައެވެ.