ކުޅިވަރު

ޝިކާގޯ ބުލްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރިމެޗް ބުލްސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ޝިކާގޯ ބުލްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރިމެޗް ބުލްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ބުލްސް ކާމިޔާބުކުރީ 117 ޕޮއިންޓް 101 ޕޮއިންޓުންނެވެ.

މިމެޗްގައި ބުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނެގި ލައުރީ މާރކަނެންއެވެ. މީގެއިތުރުން އެޓީމްގެ ގެރެޓް ޓެމްޕަލްވަނީ 21 ޕޮއިންޓް ހޯދައިދީފައެވެ. މިއީ ހަތަރު މެޗުން ބަލިވުމަށްފަހު ޝިކާގޯ ބުލްސްއަށް މޮޅުވެވުނު ފުރަތަމަ މެޗެވެ. މިމެޗްގައި ޑެލަސްގެ ލޫކާ ޑޮންސިޗްވަނީ 36 ޕޮއިންޓް އެޓީމަށް ހޯދައިދީ 16 ރީބައުންޑް ނަގާ 15 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ޔޫޓާ ޖޭޒް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރި މެޗް 109 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިއީ އެޓީމް މިސީޒަންގައި ޖެހިޖެހިގެން މޮޅުވި ފަސްވަނަ މެޗެވެ. މިމެޗްގައި ޖޭޒްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 23 ޕޮއިންޓް ހޯދައިދިން ޖޯޑަން ކްލާކްސަންއެވެ. އަދި ޑޮނަވަން މިޗޭލްވަނީ އެޓީމަށް 18 ޕޮއިންޓް ހޯދައިދީފައެވެ. ނަގެޓްސްއިން އެންމެ ރަގަޅަށް ކުޅެފައިވަނީ 35 ޕޮއިންޓް ހޯދާ 14 ރީބައުޑް ނަގާ 9 އެސިްސްޓް ކުރި ނިކޮލާ ޔިކޮޗްއެވެ.