އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ހުވައިކުރެއްވުމަށްފަހު މަދުވެގެން ދެ ދުވަސް ވަންދެން ހަތިޔާރާއި އެއާއި ގުޅުންހުރި އެހެން ތަކެތި ވިއްކުމަށް ޖަހާ އިޝްތިހާރުތައް ފޭސްބުކުގައި ޝާޢިއު ނުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި އެމެރިކާގެ އައު ރައީސްކަމުގެ ހުވައިކުރެއްވުމަށް ޖޯ ބައިޑަންދަނީ ތައްޔާރުވަމުންނެވެ. މީގެ ދުވަސްކޮޅެއް ކުރިން، އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ޖޯ ބައިޑަންކަން ކަށަވަރުކުރުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ތާއީދުކުރާ ފަރާތްތަކުންވަނީ މަޖިލީހުގެ ބައްދަލުވުންތައް ބާއްވާ ކެޕިޓޮލް އިމާރާތަށް ވަދެގަނެ އެތަނުގައި ހަމަނުޖެހުން އުފައްދައި ބޮޑެތި ގެއްލުންތައް ދީފައެވެ. އެ ހާދިޘާގައި ހަ މީހަކު ވަނީ މަރުވެފައެވެ.
ފޭސްބުކު ހިންގާ ކުންފުނިން ބުނީ އެ ޙަމަލާއަށްފަހު މިދުވަސްވަރު ހަތިޔާރާއި ގުޅުންހުރި އެހެނިހެން ސާމާނުގެ އިޝްތިހާރުތައް ފޭސްބުކުގައި ޝާޢިއު ނުކުރާނެކަމަށެވެ. އޭގެ ތެރޭގައި ބަޑި ފޮރުވާ ސޭފްތަކާއި ވެސްޓުތަކާއި ބަޑި ލާ ހޮލްސްޓާތައްފަދަ ތަކެތީގެ އިޝްތިހާރުތައްވެސް ހިމެނެއެވެ. އެ ކުންފުނިން ބުނީ ފޭސްބުކުގައި މިހާރުވެސް ބަޑި އާއި ވަޒަން އަދި ސައިލެންސަރުފަދަ ތަކެތީގެ އިޝްތިހާރު ޖެހުން މަނާވާނެކަމަށެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިން މެންބަރަކުވަނީ ފޭސްބުކުގެ ޗީފް އެގްޒެކެޓިވް، މާކް ޒަކަބާގްއަށް ސިޓީއެއް ފޮނުވާ ހަތިޔާރާއިއެކު ދޭ ޙަމަލާތަކުގައި ބޭނުންކުރާ ހުރިހާ ތަކެތީގެ އިޝްތިހާރުތައް ފޭސްބުކުގައި ދާއިމީކޮށް ޝާއިއުކުރުން މަނާކުރުމަށް އެދިފައެވެ. ޑިމޮކްރަޓުންނަށް ނިސްބަތްވާ ތިން މެންބަރުންވެސް ވިދާޅުވީ އެކަމުގެ ސަބަބުން އެމެރިކާގައި ދިރިއުޅޭ އެ ޤައުމުގެ ދުޝްމަނުންނަށް އެމީހުންގެ އަމަލުތައް އިސްތިޙާރުކުރުމަށް ހުރަސްއެޅިގެންދާނެކަމަށެވެ.
ފޭސްބުކުން ވަނީ އެމެރިކާގެ ރިޔާސީ އިދާރާ ވައިޓް ހައުސާއި ވޮޝިންޓަންގައި ހުންނަ ކޮންގްރެސް އިމާރާތާއި ސްޓޭޓުތަކުގެ ކެޕިޓޮލް އިމާރާތްތައް ހިމެނޭ ސަރަޙައްދުތަކުގައި މިދުވަސްވަރު ބާއްވާ އެއްވެސް ހަރަކާތެއް ލައިވް ނުކުރެވޭގޮތަށް ހަދާފައެވެ. އަދި ޖެނުއަރީ 20 އަންނަދެން މި ނިންމުން ދެމި އޮންނާނެކަމަށް އެކުންފުނިން ބުނެއެވެ.
ބައިޑަންގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތާއި ދިމާކޮށް ވޮޝިންޓަން ހިމެނޭގޮތަށް އެ ޤައުމުގެ ހުރިހާ ސްޓޭޓެއްގައި ހަތިޔާރާއިއެކު މުޒާހަރާކުރުމަށް ބަޔަކު ރާވަމުންދާކަމުގެ އިންޒާރު އެމެރިކާގެ ޖާސޫސީ އިދާރާއެއްކަމަށްވާ އެފްބީއައިއިންވަނީ ދީފައެވެ.
މި ހަފުތާގެ ކުރީކޮޅުގައި ނޫސް އިދާރާއެއްކަމަށްވާ ބަޒްފީޑުންވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބާއި ގުޅޭ ގޯސް މަޢުލޫމާތު ފަތުރާ ޕޯސްޓުތަކަކާއި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު ކެޕިޓޮލްގައި ހިންގި ހަމަނުޖެހުންތަކާއި ބެހޭ ޕޯސްޓުތައް ފޭސްބުކުން ޝާޢިއުކޮށްފައިވާކަމަށް ރިޕޯޓުކޮށްފައެވެ.
އެކަމާއި ގުޅޭގޮތުން ފޭސްބުކުގެ ތަރުޖަމާނަކު ވިދާޅުވީ ބަޒްފީޑުގެ ލިޔުމުގައި އިޝާރާތްކޮށްފައިވާ ހުރިހާ ޕޭޖުތަކާއި ޕޯސްޓުތައް މިހާރު ނަގާފައިވާކަމަށެވެ. އަދި ޖާސޫސީ އިދާރާތަކާއި ނިރުބަވެރިކަމާއި ބެހޭ މާހިރުންގެ އިތުރުން ޤައުމުގެ ސަލާމަތީ ބާރުތަކާއިއެކު އެ ކުންފުނިން މަސައްކަތްކުރަމުންދާކަމަށް އެ ފަރާތުން ބުނެއެވެ.