ޚަބަރު

ސުޕްރީމްކޯޓުގެ އަންހެން ދެ ފަނޑިޔާރުން މަރާލައިފި


ގޮތް ނޭނގޭ ބަޔަކު ދިން ބަޑީގެ ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަރާލައިފިއެވެ. މަރާލާފައިވަނީ އެކޯޓްގައި އަންހެން ދެ ފަނޑިޔާރުންނެވެ.

އަފްޣާނިސްތާނުގެ ފުލުހުންގެ އިދާރާއިން ބުނީ ދެ ފަނޑިޔާރުން މަރާލާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައިކަމަށެވެ. ފަނޑިޔާރުންގެ ކާރަށް އަމާޒުކޮށް ދިން އެ ޙަމަލާގައި ކާރު ދުއްވަން އިން ޑްރައިވަރު ވަނީ ޒަޚަމްވެފައެވެ. މި ހަމަލާގައި މަރުވި ފަނޑިޔާރުންގެ ނަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން އެ ހާދިޘާ ތަހުގީގުކުރަމުންދާކަމަށެވެ.

އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަރާލާފައި މިވަނީ އެ ޤައުމުގައި ޞުލްޙަ ޤާއިމްކުރުމާއި ގުޅޭ މަޝްވަރާތައް ސަރުކާރާއި ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ޠާލިބާނުންނާއި ދެމެދު ކުރިއަށް ދާ ދަނޑިވަޅެއްގައެވެ. ޞުލްޙައިގެ މަޝްވަރާތައް ފެށުނު ފަހުން އަފްޣާނިސްތާނުގައި ބަދަލުކުރަމުންދާ ޙަމަލާތައްވަނީ އިންތިހާއަށް އިތުރުވެފައެވެ.

ޠާލިބާނުންގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ބުނީ ދެ ފަނޑިޔާރުންނަށް ދީފައިވާ ޙަމަލާއަކީ އެ ޖަމާޢަތާއި ގުޅުމެއް އޮތް ޙަމަލާއެއް ނޫންކަމަށެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީވަނީ ޠާލިބާނުންނާއި އެހެނިހެން ހަނގުރާމަވެރި ޖަމާޢަތްތަކުން އާންމުންނާއި ދެކޮޅަށް ދެމުންދާ ޙަމަލާތައް ކުށްވެރިކުރައްވާ ބަޔާނެއް ނެރުއްވާފައެވެ. ރައީސް އަޝްރަފް ޣަނީ ވިދާޅުވީ ބިރުދެއްކުމާއި ބިރުވެރިކަން އުފެއްދުމާއި ކުށްކުރުމަކީ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލެއް ނޫންކަމަށެވެ. އަދި ދާއިމީ ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ޠާލިބާނުންގެ ފަރާތުން ވާޞިލްވުމަށް އެމަނިކުފާނުވަނީ ގޮވާލައްވައިފައެވެ.

ސަރުކާރުގެ މުވައްޒަފުންނާއި ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް އަމާޒުކޮށް ފަހަކަށް އައިސް އަފްޣާނިސްތާނުގައި ގިނަ ޙަމަލާތަކެއްވަނީ ދީފައެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތަކަކީ ޠާލިބާނުންނާއި ގުޅުމެއް ނުވާ ޙަމަލާތަކެއްކަމަށް އެ ޖަމާޢަތުންދަނީ ބުނަމުންނެވެ. މަދަނީ ޖަމާޢަތްތަކަށް ނިސްބަތްވާ ފަރާތްތަކަށާއި ނޫސްވެރިންނަށް ހަމަލާ ނުދިން ނަމަވެސް ސަރުކާރުގެ އޮފިޝަލުންނަށް ޙަމަލާދިނުން ހުއްޓާނުލާނެކަމަށް އެ ޖަމާޢަތުންވަނީ ބުނެފައެވެ.

އަފްޣާނިސްތާނުގައި ޙަމަލާ ބަދަލުކުރުން އިތުރުވުމުގެ ސަބަބުން އެމެރިކާގެ އެހީތެރިކަމާއިއެކު ޤަތަރުގެ ދައުހާގައި ކުރިއަށް ގެންދާ ސުލްޙައިގެ މަޝްވަރާތަކަށްވަނީ ހިޔަނި އެޅިފައެވެ.

އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންގެ ފަރާތުން ވާހަކަދެއްކި ބައެއް މަސްދަރުތަކުން ބުނީ މަޝްވަރާތަކުގައި ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެނީ އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ރައީސްކަމުގެ މަޤާމާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު އަފްޣަނިސްތާނާއިމެދު އެމެރިކާއިން ގެންގުޅޭނެ ސިޔާސަތެއް އިޢުލާނުކުރެއްވުމުންކަމަށެވެ.