ޚަބަރު

އެމެރިކާއިން ދެބަސްވުންތައް އެއްފަރާތް ކުރަންޖެހޭ- ފަރަންސޭސިވިލާތް


އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން އެ ޤައުމުގެ ވެރިކަމާއި ޙަވާލުވެވަޑައިގަތުމުން ވިލާތުގެ އިއްތިޙާދާއި އެމެރިކާއާއި ދެމެދު އޮތް ވިޔަފާރީގެ ދެބަސްވުންތައް އެއްފަރާތްކޮށް، ދެ ފަރާތުން އެކުގައި މަސައްކަތްކުރެވޭނެ ގޮތެއް ހޯދުން މުހިންމުކަމަށް ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު ޖޮން އީވް ލޫދްރިއަން ވިދާޅުވީ މައްސަލަ އުފެދިފައިވަނީ ދަގަނޑާއި ޑިޖިޓަލް ޓެކްނޮލޮޖީއާއި އެއާބަހާއި އެކި ކަހަލަ ސްޕިރިޓުގެ އަގު އުފުލުމާއި އެތަކެއްޗަށް ނަގައި ޓެކްސްގެ އަގު ބޮޑުވުމުން ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަ ޙައްލުކުރެވޭނެ ގޮތެއް ދެ ފަރާތަށް ހޯދޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވުމަކީ އެކަށީގެންވާކަމެއްކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެއްބަސްވުމަކާއި ހަމައަށް އާދެވެންދެން ވަގުތީ ގޮތުން އެފަދަ ޙަރަކާތްތައް މެދުކަނޑާލެވިދާނެކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގައި އެމެރިކާއިންވަނީ ވިލާތުގެ އެއާބަސް އަދި އެމެރިކާގެ ބޯއިން ދެ ކުންފުންޏަށްވެސް ޤަވާއިދާއި ޚިލާފަށް ސަބްސިޑީ ދޫކޮށްފައިވާކަމަށް ބުނާ މައްސަލައާއި ގުޅިގެން ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ މަތިންދާބޯޓުގެ ބައިތަކުން ނަގާ ޓެރިފްގެ ޢަދަދު އިތުރުކޮށްފައެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދުން އެމެރިކާއިން އެޅި ފިޔަވަޅާއި ވިދިގެން އެ ޤައުމާއި ދެކޮޅަށް އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ވިލާތުގެ އިއްތިޙާދުން މިހާރު ރާވަމުންދަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ދުނިޔޭގެ ވިޔަފާރި ޖަމުޢިއްޔާ، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އަށް ރިފޯމް ޕްރޮޕޯސަލެއް ހުށަހެޅުމަށެވެ. ޑަބްލިއުޓީއޯގެ މައްސަލަތައް ޙައްލުކުރާ އިދާރާއަށް ލިބިފައިވާ ޤާނޫނީ ބާރު ކުޑަކުރުމަށް އިސްލާހުތައް ހުށަހެޅުމަށްވެސް ފަރަންސޭސިވިލާތުން އޮތީ ތައްޔާރަށެވެ.

ޑަބްލިއުޓީއޯގެ އެޕެލޭޓް ބޮޑީގެ ނިންމުންތަކުގައި ބުރަދަނެއް ނެތް ވިޔަފާރީގެ ޤަވާއިދުތައް ހަދަމުންދާކަމަށް އެމެރިކާއިން ޝަކުވާކުރާތާ ގިނަ އަހަރުތަކެއްވަނީ ވެފައެވެ. އެކަން ހުއްޓުވުމަށް އައު ފަނޑިޔާރުން އައްޔަނުކުރުމަށްވެސް އެމެރިކާއިން ހުރަސްއަޅަމުންދާތީ، އެޕެލޭޓް ބޮޑީގެ މަސައްކަތްވަނީ ކުރިއަށް ނުގެންދެވިފައެވެ.