ޚަބަރު

ފަރަންސޭސިވިލާތުގައި ހަޔަކުން ހަޔަކަށް ކާފިއު އިޢުލާނުކޮށްފި


ފަރަންސޭސިވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން އެ ޤައުމުގައި އަނެއްކާވެސް ކާފިއުއެއް އިޢުލާނުކޮށްފިއެވެ. އެ ކާފިއުގެ އުސޫލުތައް މަދުވެގެން 15 ދުވަހަށް ދަމަހައްޓާނެކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 2.8 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 70،142 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 21،406 މީހުންނަށް ބަލިޖެހި 193 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. މިދުވަސްވަރު ދުވާލެއްގެ މައްޗަށް 20،000 މީހުންނަށް އެވަރެޖުކޮށް ބަލިޖެހެމުންދާއިރު، ހަސްފަތާލުގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދާއި ޙާލުބޮޑުވެގެން އައިސީޔޫގައި ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. މިދުވަސްވަރު ބަލިޖެހޭ މީހުންގެ އެކެއް އިންސައްތަ ޙިއްޞާކުރަނީ ވާރުތަވުމުގެ ބާރުގަދަ ކޯވިޑް-19ގެ އައު ވައްތަރެއްކަމުން ސަރުކާރުގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ. އެ ޤައުމުގައި ބައްޔާއި ދެކޮޅަށް ވެކްސިންދޭ ދުވެއްޔާއިމެދު ސަރުކާރަށްވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ފަރަންސޭސިވިލާތުގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާނުކޮށްފައިވާ ކާފިއުގެ ވަގުތަށް މިހާރުވަނީ ދެ ގަޑިއިރު އިތުރުކޮށްފައެވެ. އެގޮތުން ކުރިން ރޭގަނޑު އަށެއް ޖަހާއިރު ފެށޭ ކާފިއު މިހާރު ފެށެނީ ހަވީރު ހައެއް ޖަހާއިރެވެ. ފަތިހު ހަޔަކާއި ހަމައަށް ދެމިގެންދާ ކާފިއުގެ ވަގުތުގައި އާންމުން ބޭރުތެރެއަށް ނުކުމެ އުޅުމާއި ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުން މަނާވާނެއެވެ.

އޭގެ އިތުރުން ވިލާތުގެ އިއްތިޙާދުގައި ނުހިމެނޭ ޤައުމުތަކުން ފަރަންސޭސިވިލާތަށް ދަތުރުކުރާ ފަރާތްތަކަށް އެ ޤައުމަށް އެތެރެވެވޭނީ ކޯވިޑް-19 ޖެހިފައިނުވާކަން ކަށަވަރުކޮށްދޭ ނެގެޓިވް ނަތީޖާއެއް އޮތްނަމައެވެ. އެ ފަރާތްތަކުން ފަރަންސޭސިވިލާތަށް އައުމަށްފަހު އެއް ހަފުތާގެ މުއްދަތަށް ކަރަންޓީނުވާން ޖެހެއެވެ.

ފަރަންސޭސިވިލާތުގެ ބޮށުވަޒީރު ޖޮން ކެސްޓެކްސް ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު އޮތްގޮތުން ކޮންމެހެން އަޅާންޖެހޭ ފިޔަވަޅުތަކެއްކަމަށެވެ. ފަރަންސޭސިވިލާތުގެ ޙާލަތު ގޯސްވަމުން ދާ ނަމަވެސް އެހެން ޤައުމުތަކަށްވުރެ އެ ޤައުމުގެ ޙާލަތު ރަނގަޅު ވިޔަސް، މި ޙާލަތުގައި ހުށިޔާރުވެ ތިބުމަކީ މުހިންމު ކަމަކަށްވާތީ އިތުރު ފިޔަވަޅުތައް އަޅުއްވަން ނިންމެވިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަލިޖައްސާ ވައިރަހަށް ބަދަލުތަކެއް އަންނަމުންދާކަމީ އެކަމަށް ސަމާލުވެ ތިބެންޖެހޭކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކާފިއުގެ ސަބަބުން ވިޔަފާރިތަކަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ގިނަ ފިހާރަތަކާއި ވިޔަފާރިތައް ހުޅުވާ ގަޑިތައްވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. ފަރަންސޭސިވިލާތަށް ބޯކޮށް ސްނޯ ފައިބާ މި ދުވަސްވަރު ޚިދުމަތްތައްދޭ ވަގުތުތަކަށް ގެނެސްފައިވާ ބަދަލުތަކާއި އެއްގޮތަށް އާންމުންގެ އާންމު ދިރިއުޅުމަށްވަނީ ބަދަލު ގެނެސްފައެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުން ކޯވިޑް-19ގެ އައު ވައްތަރުތައް ފެންނަމުންދާއިރު ގައިންގަޔަށް އަރާ ބަލިތަކާއިބެހޭ ބައެއް މާހިރުންވަނީ ކާފިއުއެއް ހިންގައިގެން ފަރަންސޭސިވިލާތުގައި ކޯވިޑް-19ގެ އައު ވައްތަރު ފެތުރުން ހުއްޓުވުމަށް މާ ބޮޑު އަސަރެއް ނުކުރާނެކަމަށް ފާހަގަކޮށްފައެވެ. ކުރިއަށްއޮތް ހަ ހަފުތާގެ ތެރޭގައި އެ ޤައުމުގައި އެންމެ ހަލުވިކޮށް ފެތުރޭނީ ކޯވިޑް-19 ޖައްސާ ވައިރަހުގެ އައު ވައްތަރުކަމަށް މާހިރުންވަނީ ލަފާކޮށްފައެވެ. އިނގިރޭސިވިލާތާއި ޖަރުމަނުވިލާތްފަދަ ޤައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްގޮތް ފިޔަވަޅުތަކެއް އަޅައި ޤައުމު ފުރަބަންދުކުރަންޖެހޭކަމަށް އެ ފަރާތްތަކުން ބުންޏެވެ.