130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދަށް ބަދަލު ނުގެންނަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ. މި މައްސަލާގައި ދައުލަތުން 6 މީހެއްގެ މައްޗަށް ދައުވާކުރެއެވެ.
މި މައްސަލާގައި ބަންދުކޮށްފައިވާ ބަންގްލަދޭޝް ރައްޔިޔެއްގެ މައްޗަށް ކޯޓުންކޮށްފައިވާ އަމުރު ތަންފީޒު ނުކޮށް އޮތުމުން އެ އަމުރު 24 ގަޑިއިރުގެ ތެރޭގައި ތަންފީޒުކުރުމަށް ކޯޓުން މިއަދު ވަނީ އަނެއްކާ އަމުރުކޮށްފައެވެ.
ބަންގަލަދޭޝަށް ނިސްބަތްވާ އިގްބާލު ނަމަކަށް ކިޔާ މި މީހާ ރިމާންޑް ޖަލެއްގައި ބަންދުކުރަން ކޯޓުން ދެފަހަރެއްގެ މަތިން މީގެކުރިން ވަނީ އަމުރުކޮށްފައެވެ. އެހެންނަމަވެސް އެމީހާ މިހާތަނަށްވެސް ހުރީ ކަސްޓޯޑިއަލް ޖަލެއްގައެވެ. ކޯޓުގެ އަމުރު ތަންފީޒުނުކުރީ ކީއްވެތޯ މި މައްސަލަ ބައްލަވާ ކްރިމިނަލްކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ދައުލަތުގެ ވަކީލާއި ސުވާލުކުރެއްވުން ދައުލަތުން ޖަވާބުގައި ބުނެފައިވަނީ ޖަލުގައި ޖާގަ ނެތުމުންކަމަށެވެ. ޖަލުގައި ޖާގަނެތީސް މީހުން ބަންދުކުރުމަށް ދައުލަތުން އެދެނީ ކީއްވެތޯވެސް ގާޒީވަނީ ސުވާލު އުފައްދަވާފައެވެ. އަދި ކޯޓުން ނިންމާ ނިންމުންތަކަށް ދައުލަތުން ތަބާނުވާނަމަ އާއްމު ރައްޔިތުން އަމުލުކުރާނީ ކިހިނެތްތޯވެސް ގާޒީ ވަނީ ސުވާލު ސުވާލުކުރައްވާފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ މައްސަލާގައި ހިމެނޭ މީހާ ބަންދުގައި ބަހައްޓަން އެދުނީ އޭނާގެ ފަރާތުން މުޖްތަމައުގެ މަސްލަހަހަތަށް ނުރައްކާވާނެކަމަށް ޤަބޫލުކުރެވޭތީކަމަށެވެ. އަދި ޖަލުން ޖާގަ ލިބުނުހާ އަވަހަކަށް ޖަލަށް ބަދަލުކުރާނެކަން ކަރެކްޝަނުން އަންގާފައިވާކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ ރިމާންޑް ޖަލަށް ބަދަލުކުރަންޖެހޭ މިހާ 24 ގަޑިއިރުގެ ތެރޭގައި ޖަލަށް ބަދަލުކުރުމަށް އަމުރުކުރުމަށްފަހުއެވެ. އަދި އެގޮތަށް އަމުލުނުކޮށްފިނަމަ އެކަން 48 ގަޑިއިރުގެ ތެރޭގައި އެންގުމަށްވެސް އެމީހާގެ ދިފާއީ ވަކީލަށް ވަނީ އަންގަވާފައެވެ. އަދި ކޯޓުގެ އެ އަމުރު ތަންފީޒުނުކޮށްފިނަމަ ކަރެކްޝަންސްގެ އިސްވެރިން ކޯޓަށް ހާޒިރުކުރާނެކަމަށްވެސް މައްސަލަ ބައްލަވާ ކްރިިމިނަލްކޯޓުގެ އިސްގާޒީ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާ ލިބޭ ހުރިހާ ފަރާތްތަކަށް މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވޭތޯ ޝަރީއަތުންވަނީ ކަށަވަރުކޮށްފައެވެ. އަދި ނުލިބޭ ލިޔުންތައް ލިޔުމުން އެންގުމަށް ދިފާއީ ވަކީލުންނަށް ކޯޓުން ވަނީ ފުރުސަތު އަރުވާފައެވެ. އަދި މައްސަލާގައި ހިމެނޭ އެކަކަށް ވަކީލަކު ހަމަނުޖެހޭތީ މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވާފައިނުވެއެވެ.
130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށްހުރި އަދި މަސްތުވާތަކެތީގެ ވިޔަފާރީ ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްމީހެއްގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަދި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހިމް މައްޗަށް ބޮޑު ތިން ދައުވާއެއް ވަނީ އުފުލާފައެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ ކޮންމެ ދައުވާއެއްގެ ހުކުމަކީ 25 އަހަރަށް ޖަލަށްލުމާއި 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކު ޖޫރިމަނާކުރުމެވެ. މި ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މިމައްސަލާގައި ދެން ދައުވާ އުފުލާފައިވަނީ ޝަހީބާއި އެކު މި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ފުލުހުން ތުހުމަތުކުރާ ހއ. ހޯރަފުށީ ވައިޓްވިލާ އަހްމަދު މޫސާގެ މައްޗަށެވެ. އޭނާ އާއި ދެކޮޅަށްވެސް ވަނީ 3 ދައުވާއެއް އުފުލާފައެވެ. މީގެއިތުުރުން މި މަސްތުވާތަކެތި އެތެރެކުރި ދޯނިން ހައްޔަރުކުރި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އިޤްބާލު މައްޗަށް 3 ދައުވާއަކާއި ހަމަ އެދޯނިން ހައްޔަރުކުރި ބަންގްލަދޭޝްގެ މުހައްމަދު ރިޔާދުގެ މައްޗަށް 5 ދައުވާއެއް ވަނީ އުފުލާފައެވެ.
މީގެއިތުރުން މި މައްސަލާގައި ހައްޔަރުކުރި ދެ ދިވެހިންކަމަށްވާ ގއ. ވިލނގިލީ ދުންފިނިގޭ އަޞީލް މާހިރާއި ޅ. ހިންނަވަރު ސެލް، އަނަސް ޙުސައިންގެ މައްޗަށް 4 ދައުވާއެއް ވަނީ އުފުލާފައެވެ. މިމައްސަލާގައި ކުޑަކުދިންތަކެއްގެ މައްޗަށް ދައުވާކުރުމަށް ޖުވެނައިލް ކޯޓަށް ހުށައަޅާފައިވާކަމަށްވެސް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވިއެވެ.
ޖަންބޯ ދޯނިން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރި ޝަހީބު އިބްރާހީމް ދޫކޮށްލަން ދަށު ކޯޓުން ނިންމިނަމަވެސް ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ހައި ކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުންވަނީ ތަޢީދުކޮށްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި އެކު ހިންގި ހާއްސަ އޮޕރޭޝަނެއްގައި ހުޅުމާލޭ ފަޅުތެރޭގައި އޮތް ޖަންބު ނަމަކަށް ކިޔާ މި ދޯނިން 130 ކިލޯ މަސްތުވާތަކެތި އަތުލައިގަތީ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުގައެވެ.
ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީވެސް އޭނާކަމަށްް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން އޭރު ބަންދުން ދޫކޮށްލިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.