ކުޅިވަރު

ޕީއެސްޖީ މޮޅުވެ ތާވަލުގެ އެއްވަނައަށް


ފްރާންސް ލީގުގައި އެންގާސްގެ މައްޗަށް ހޯދި މޮޅާއެކު ލީގުގެ އެއްވަނައަށް ޕީއެސްޖީ ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗު ޕީއެސްޖީ ކާމިޔާބުކުރީ 1-0 ލަނޑުން. މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެވަނަހާފްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލެވިން ކުރްޒަވާއެވެ. އެންމެފަހުން ލީގުގައި ޕީއެސްޖީ ކުޅުނު 7 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެއެވެ.

ރޭގެ މެޗުގައި އެޓީމުގެ ކޯޗު މައުރީސިޔޯ ޕޮޗެޓީނިޔޯ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެ މިވަގުތު ހުރީ ޓީމާ ދުރުގައި އެކަހެރިވެގެންނެވެ.

ލިގުގައި މޮނާކޯ ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބު ކޮށް ހަތަރުވަނައަށް ކުރިޔަށްޖެހިލާފައެވެ. އޮލިންޕިކް މާސޭ އެޓީމު ކުޅުނު މެޗުން ބަލިވިއިރު އެޓީމު އޮތީ ތާވަލުގެ 6ވަނައިގައެވެ. މި ނަތީޖާ އެކު ޕީއެސްޖީ އެއްވަނައަށް އެރީ ދެވަނާގައިވާ ލިޔޯންއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. ޕީއެސްޖީއަށް 20 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ.