ކުޅިވަރު

ވެސްޓް ބްރޮމްވިޗާއި ވުލްވްސްގެ މެޗް ވެސްޓް ބްރޮމް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އާއި ވުލްވަރހެމްޓަން ވޮންޑަރަރސް ބައްދަލުކުރިމެޗް ވެސްޓް ބްރޮމް ކާމިޔާބުކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު ބްލެކް ކައުންޓީ ޑަރބީގެ ގޮތުގައި މަޝްހޫރުވެފައިވާ މިދެޓީމްގެ ކުރިމަތިލުން ވެސްޓް ބްރޮމް ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސްޓް ބްރޮމްގެ މެތިއު ޕެރެއިރާ އެވެ. ނަމަވެސް ވުލްވްސްއިން ވަނީ އެޓީމްގެ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވަރަށް ގާތް ގާތުގައި ދެ ލަނޑު ޖަހާ މެޗްގައި ލީޑު ނަގާފައެވެ. މިދެ ލަނޑު އެޓީމަށް ޖަހާދިނީ މެޗްގެ 38 ވަނަ މިނެޓްގައި ފާބިއޯ ސިލްވަރ އާއި 43 ވަނަ މިނެޓްގައި ވިލީ ބޮލީއެވެ. މިމެޗްގައި ވެސްޓް ބްރޮމްއަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 52 ވަނަ މިނެޓްގައި ސެމީ އަޖާޔީއެވެ. އަދި އެޓީމް މޮޅުވި ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ޖަހާދިނީ ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑުވެސް ޖަހާދިން ޕެރެއިރާއެވެ.

މިއީ ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމް މިސީޒަންގައި މޮޅުވި ދެވަނަ މެޗެވެ. އަދި އެޓީމްގެ ކޯޗު ކަމާއި ސޭމް އެލެޑައިސް ހަވާލުވިފަހުން މޮޅުވި ފުރަތަމަ މެޗެވެ. ހަމައެއާއެކު މިއީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ރަށުން ބޭރުގައި ވެސްޓް ބްރޮމްއަށް ތިންލަނޑު ޖެހުނު ފުރަތަމަ ފަހަރުވެސްމެއެވެ. މިކާމިޔާބީއާއެކުވެސް ވެސްޓް ބްރޮމް އޮތީ ކުޅުނު 18 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެލަޑައިސް ހާމަކުރިގޮތުގައި މިކާމިޔާބީއާއެކު އެޓީމަށް މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ ކަމަށެވެ. އަދި މިމެޗްގައި އޭނާގެ ކުޅުންތެރިން ގިނަ ހަމަލާތަކެއް އުފެއްދީތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ ހާމަކުރިގޮތުގައި މިމެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި ހާއްސަކޮށް ދެވަނަ ހާފް އެޓީމަށް ފެށުނީ ވަރަށް ދައްކޮށްކަމަށް އޭނާ ހާމަކުރިއެވެ. މި ނާކާމިޔާބީއާއެކު ވުލްވްސް އޮތީ ކުޅުނު 19 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.