ދުނިޔެ

އަނެއްކާވެސް ވަރުގަދަ ލޮޅުންތަކެއް އިންޑޮނޭޝިއާއަށް


އިއްޔެ އިންޑޮނޭޝިޔާގެ ސުލާވެސީއަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އަނެއްކާވެސް ބާރުގަދަ ލޮޅުންތަކެއް އައިސްފިއެވެ.

ހުކުރު ދުވަހު ރެކްޓަރ މިންގަނޑު 6.2ގެ ބިންހެލުމުގައި 45 މީހުން މަރުވެ އެތައް ސަތޭކަ މީހުންވަނީ ޒަޚަމްވެފައެވެ. ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިފައިނުވިނަމަވެސް އޭގެ ސަބަބުން ޗަކަ ފޭބުމުގެ ހާދިޘާތައްވަނީ މެދުވެރިވެފައެވެ. އަދި ގިނަ ޢަދަދެއްގެ އިމާރާތްތަކަށްވަނީ ގެއްލުން ލިބިފައެވެ.

ބިންހެލުމުގެ ސަބަބުން 15،000އަށްވުރެ ގިނަ މީހުންވަނީ އެހެން ސަރަޙައްދުތަކަށް ބަދަލުވާން މަޖްބޫރުވެފައެވެ. ގެއްލުން ލިބުނު ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތްވެސްވަނީ ކެނޑިފައެވެ.

ބިންހެލުން އައިތާ އެއްދުވަސް ފަހުން މިއަދު އަނެއްކާވެސް 5.0 ރެކްޓަރ މިންގަނޑުގެ ލޮޅުމެއް އައިސްފައިވާކަމަށް އިދާރާތަކުން ބުނެއެވެ. ނަމަވެސް އެ ލޮޅުންތަކުގެ ސަބަބުން މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް އިންޑޮނޭޝިޔާގެ ކާރިޘާތަކާއިބެހޭ އިދާރާއިން ބުނެއެވެ.

އިންޑޮނޭޝިޔާގެ މޫސުމާއިބެހޭ އިދާރާއިންވަނީ ހުކުރު ދުވަހުގެ ބިންހެލުމަށްފަހު ބާރުގަދަ ލޮޅުންތައް އަދިވެސް އައުން އެކަށީގެންވާކަމުގެ އިންޒާރުދީފައެވެ. އެ ލޮޅުންތަކުގެ ސަބަބުން ސުނާމީއެއް އުފެދިދާނެކަމުގެ ބިރު އޮތުމާއިއެކު އައްސާރިފަށުގައިވާ ސަރަޙައްދުތަކުގައި ނުތިބުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

ޖޯގުރަފީގެ ގޮތުން އިންޑޮނޭޝިޔާ އޮންނަ ސަރަޙައްދުގެ ސަބަބުން އެ ޤައުމަށް ބާރުގަދަ ބިންހެލުންތައް އައުމަކީ ވަރަށް އާންމު ކަމެކެވެ. 2018ވަނަ އަހަރުގައި އައި ރެކްޓަރ މިންގަނޑުން 7.5ގެ ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ވަރުގަދަ ސުނާމީއެއްވަނީ އުފެދިފައެވެ. އެ ހާދިޘާގައި 4،300އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައި ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

އޭގެ އިތުރުން 2004ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26ވަނަ ދުވަހުގައި އައި ރެކްޓަރ މިންގަނޑުން 9.1ގެ ބާރުގަދަ ބިންހެލުމެއްގެ ސަބަބުން އުފެދުނު ސުނާމީގައި އެ ސަރަޙައްދުން 220،000 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރެއިން 170،000 މީހުން މަރުވެފައިވަނީ އިންޑޮނޭޝިޔާއިންނެވެ.