ކުޅިވަރު

ވެލެންސިޔާ ފުރަތަމަ ފަހަރަށް ބަލިވެ، ގްރާންޑޭ ތިންވަނައަށް


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ 2-1 އިން ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ތިން ވަނަ އަށް ޖެހިލައިފިއެވެ.

މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކީ ދަ ގްރާންޑޭ އިންނެވެ. ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް އެ ޓީމުން ތަަނަވަސްކުރި އެވެ. އަނިޔާގެ ސަބަބުން ވެލެންސިއާގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނުލައި ފެށިއިރު، އޭނާގެ ބަދަލުގައި ޓީމަށް އެރީ މެދުތެރެއަށް ކުޅޭ އަހުމަދު ޒާދެވެ. އެންމެ ކުރިއަށް ކުޅުނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ވެލެންސިއާގެ ފުރަތަމަ ހަމަލާ ފެނުނީ މެޗުގެ 14 ވަނަ މިނިޓްގައެވެ. ސްޕެއިންގެ މިޑްފީލްޑަރު އެންޓޯނިއޯ ސޮލާ (ޓޯނީ) މަތިން ހުސްކޮށްލާފައި އޭރިއާތެރެއަށް ފޮނުވާލި ބޯޅަ ހޯދައި ސެންޓޭ އެއް ފަހަރުން އެ ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ އަޔާ ވަނީ ދަ ގްރާންޑޭ އަށް ލީޑުނަގައިދީފައެވެ. އޭރިއާބޭރުން އަޔާ ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް ވަންއިރު ކީޕަރު ޗެކް ހުރީ ހަރަކާތް ހުއްޓިފައެވެ. ވެލެންސިއާއިން ވަނީ ފަހު 25 މިނިޓަށް އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)ގެ ބަދަލުގައި ދަގަނޑޭ ކުޅެން އަރުވައިފައެވެ. ވެލެންސިއާގެ ކުޅުން އެ ފަހުން ރަނގަޅުވެ ހަމަލާތަކެއް ފެނިގެންދިޔައެވެ. ވެލެންސިއާ އިން އެއްވަރުކުރީ މެޗުގެ 86 ވަނަ މިނިޓްގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު އިމާޒް (އާއްކޮ) ނަަގައިދިން ހުރަހަކުން ދަގަނޑޭ މި ގޯލު ޖެހީ ބޮލުންނެވެ.

ދަ ގްރާންޑޭ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިނީ އަހްރޯރެވެ. އޭރިއާތެރެއިން އަހްރޯރް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ. އިތުރުވަގުތުގައި ވެލެންސިއާއިން ދެ ވަނަ ފަހަރަށް ނަތީޖާ ހަަމަހަމަކުރަން ލިބުނު ރަނުގެ ފުރުސަތު ނަގާލިއެވެ. ޕެނަލްޓީއަކުން ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. މިއީ ދަގަނޑޭ ޖެހި ބޯޅައެއް ދަ ގްރާންޑޭގެ ކޮމިލޯފް އަބްދުއްރަސުލް އަތުގައި ޖެހުމުން ދިން ޕެނަލްޓީއެކެވެ.

މިއަދުގެ މޮޅާ އެކީ ދަ ގްރާންޑޭ ތިން ވަނަ އަށް އެރީ ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ވެލެންސިއާ ލީގުގައި ފުރަތަމަ ފަހަރަށް ބަލިވިއިރު އެ ޓީމަށް ވަނީ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން އޮތް ފުރުސަތު ގެއްލިފައެވެ. މާޒިޔާ އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކުގައެވެ. ވެލެންސިއާ ދެ ވަަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.