ޖަމާލުއްދީން ސްކޫލްގެ ދަރިވަރެއް ކޯވިޑަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ފަށައިފިއެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ ( އެޗްއީއޯސީ ) ވިދާޅުވީ ޖަމާލުއްދީނުން ޕޮޒިޓިވްވީ އެ ސްކޫލްގެ ގްރޭޑް ނުވައެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެއްކަމަށެވެ. އަދި މި ކުއްޖާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހަތަރު ދަރިވަރަކު ފާހަގަވެފައިވާކަމަށްވެސް އެޗްއީއޯސީން ވަނީ ވިދާޅުވެއެވެ.
އެޗްއީއޯސީން މިއަދު އާއްމުކުރި މައުލޫމާތަށް ބަލާއިރު ހުޅުމާލެ ގާޒީ ސްކޫލް ގްރޭޑް އެކެއްގައި ކިޔަވާދޭ މުދައްރިސެއްވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މި ކޭސްއާއި ގުޅިގެން މިހާތަނަށް 12 ކޮންޓެކްޓެއް ފާހަގަވެފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
ބައެއް ސްކޫލްތަކުން ކޯވިޑްގެ ކޭސްތައް އަންނަނީ ފެންނަމުންނެވެ. މިގޮތުން ބިލަބޮންގެ ސްކޫލްގައި ކިޔަވަމުން އަންނަ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކުވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ޓްރޭސިން ހަދަމުންދިޔުމުން މި ކުދިން ސްކޫލަށް ހާޒިރުވެފައިނުވާތީ އިތުރު ދަރިވަރެއްވެސް އަދި އެއްވެސް މުދައްރިސެއްވެސް މި ކުދިންނާއި ބައްދަލުވުފައި ނުވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
މީގެއިތުރުން ވިލިމާލެ މުހްޔިއްދީން ސްކޫލްގެ މުވައްޒަފަކާއި އަމީނިއްޔާ ސްކޫލްގެ މުދައްރިސެއްވެސް ވަނީ ކޯވިޑަށް ޕޮޒިޓިވެފައެވެ.