ޚަބަރު

"ސާފު ހުޅުމާލެ" – މަރުވެފައިވާ މުރަކަ ނެގުމުގެ ޙަރަކާތެއް

"ސާފު ހުޅުމާލެ" ޕްރޮގްރާމުގެ ދަށުން މަރުވެފައިވާ މުރަކައާއި ގައު އަދި ކުނި ނެގުމުގެ ޙަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ. މިއީ މިގޮތުން ހިންގި ދެވަނަ ޙަރަކާތެވެ.

މިޙަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ހުޅުމާލެ ޔޫތު ޕާކު ސަރަޙައްދުގެ މޫދުގައެވެ. ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިސްވެ ހިންގި މި ޙަރަކާތުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަދި އެމް.ޑީ.ޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ޑެޕިއުޓީ ޗެއަރޕަރސަން ޢަލީ ނިޔާޒްވެސް ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާފައެވެ. ހަމައެއާއެކު މި ސަރަޙައްދަށް މޫދަށް އެރި އުޅޭ ޢާއްމު ފަރުދުންވެސް ވަނީ މި ޙަރަކާތުގައި ބައިވެރިވެފައެވެ.

މި ޙަރަކާތާއި ގުޅޭ ގޮތުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވީ މި ޙަރަކާތުގެ ބޭނުމަކީ މޫދަށް އެރިއުޅޭ މީހުންނަށް ގަލާއި މުރަކަތަކުގެ ސަބަބުން ދިމާވަމުންދާ ދަތިތަކާއި އުނދަގޫތައް ޙައްލުކޮށްދިނުންކަމަށެވެ.

"މާލެއިން ޒިޔާރަތްކުރާ ފަރާތްތަކާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުންވެސް މޫދު ވަރަށް ބޮޑަށް ބޭނުންކުރާތަން ފެނޭ. އެހެންނަމަވެސް މަރުވެފައި ހުންނަ ގައުތަކުގެ ސަބަބުން އުނދަގޫތައް ރައްޔިތުންނަށް ދިމާވާތީ އެކަން ރަނގަޅުކުރުމަށްޓަކައި އަދި މޫދު ސާފުކޮށް ބޭއްވުން މި ޕްރޮގްރާމުގެ ބޭނުމަކީ." ޢަލީ ނިޔާޒް ވިދާޅުވިއެވެ.

މަރުވެފައިވާ މުރަކައާއި ގައު ނެގުމަށް ހަމަޖެހިފައިވަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި އިރުޝާދުގެ މަތިންކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. މި ޙަރަކާތުގެ ދަށުން ނަގާ ގަލާއި މުރަކަ އެއްގަމަށް ގެނައުމަށް ހަމަޖެހިފައިނުވާކަމަށާއި އެތަކެތި ގެންދިޔުމަށް ހަމަޖެހިފައިވަނީ ޢާއްމުން މޫދަށް އެރިއުޅޭ ސަރަޙައްދަށްވުރެ ބޭރަށްކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗް.ޑީ.ސީން މި ސަރަޙައްދު ސާފުކުރުމުގެ މަސައްކަތެއް ކުރިއިރު، ޢާއްމު ބައެއް މީހުން ވަނީ 3 މަހެއްހާ ދުވަހުގެ މުއްދަތަކަށް މި ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން އެކަމުގައި އިސްކޮށް ޙަރަކާތްތެރިވި މީހަކު ބުނި ގޮތުގައި އަމިއްލަ އިސްނެގުމާއެކު މި މަސައްކަތް ކޮށްފައިވަނީ މި ސަރަޙައްދަށް ކުޑަކުދިންނާއި ބަލިމީހުންވެސް އެރޭތީކަމަށެވެ.

"މި މަސައްކަތަކީ އަޅުގަނޑު އަމިއްލައަކަށް އިސްނަގައިގެން ކުދިވެރިން މޫދަށް އެރިލުމަށް ތަނެއް ސާފުކޮށްލުމުގެ ބޭނުމުގައި ކުރިކަމެއް. އެތަނުން މަރުވެފައި ހުންނަ ގައު ނަގައި ބިން މި ސާފުކުރަނީ. އޭގެތެރެއިން އެއްވެސް ގަލެއް އެއްގަމަކަށް ނާރުވަން. ނަގާ ގަލެއް ވިއްޔާ އެއްގަމަށް ނާރުވައި ބޭރަށް މި އަޅަނީ. މުޅިންވެސް މަރުވެފައި ހުންނަ ގައު މިނަގަނީ އެއްގޮތަކަށްވެސް ދިރޭ މުރަކައެއް ނުނަގަން. މިކަން މިކުރަނީ ކުޑަކުދިންނާއި ބަލިމީހުން މޫދަށް އެރޭ ސަރަޙައްދަކަށް ވީމަ ޢާއްމު ޚިދުމަތެއްގެ ގޮތުން. މި މަސައްކަތް ކުރަމުންދާތާ މިހާރު 3 މަހަށް ވުރެ ގިނަ ދުވަސްވެގެން ހިނގައްޖެ." އޭނާ ބުންޏެވެ.

އެޗް.ޑީ.ސީއިން ވިދާޅުވީ ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ޙަރަކާތްތަކެއް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. "ސާފު ހުޅުމާލެ" މި ޝިޢާރުގެ ދަށުން އެޗް.ޑީ.ސީން ވަނީ މިދިޔަ މަހުގެ ތެރޭގައިވެސް ހުޅުމާލެ ސާފުކުރުމުގެ ޙަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. މިފަދަ ޙަރަކާތްތަކަށް ޢާއްމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާ އެޗް.ޑީ.ސީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.