ވިޔަފާރި

ފަތުރުވެރިކަމާއި ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކެންސަލް ކޮށްފި


ރާއްޖޭގެ ފަތުރުވެރިކަން ބޭރު ގައުމުތަކުގައި ޕްރޮމޯޓްކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ ގިނަ ޓުއަރިޒަމް ފެއަރތަކާއި ރޯޑްޝޯތައް ކެންސަލްކޮށްފިއެވެ.ޓުއަރިޒަމް މިނިސްޓަރގެ ނާއިބު ހަސަން ޟިރާރު ވިދާޅުވީ ބޭރުގެ ފެއަރ ތަކާއި ރޯޑް ޝޯތައް ކެންސަލްކުރީ ޓުއަރިޒަމްގެ ސިޔާސަތައް ގެނައި ބަދަލަކާއި ގުޅިގެންކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.މިއަހަރު ބައިވެރިވުމަށް ކުރިން ނިންމާ އަދި މިހާރު ކެންސަލް ކުރި ފެއަރ ތަކުގެ ތެރޭގައި ފްރާންސް، ޗައިނާ އަދި އެމެރިކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރޯޑް ޝޯތަކާއި ތޯމަސްކުކް، ޓީޓީޑަބްލިއު ފެއަރ އަދި އައިޓީބީ އޭޝިއާ ފެއަރ ހިމެނެއެވެ.އައިޓީބީ އޭޝިއާ ފެއަރ މާދަމާ ސިންގަޕޯރގައި ފެށޭނެއެވެ.މި ފެއަރތަކާއި ރޯޑް ޝޯތައް ކެންސަލް ކުރީ އެ ފެއަރތަކުގައި ބައިވެރިވުމަށް ފައިސާވެސް ދައްކާފައިވަނިކޮށެވެ.ޟިރާރް ވިދާޅުވީ މިއަހަރު އެފެއަރ ތަކުގައި ބައިވެރި ނުވިނަމަވެސް އަންނަ އަހަރު އެފެއަރތަކުގައި ބައިވެރިވާނެކަމަށެވެ.މިއަހަރު ބައިވެރިވާން ހަމަޖެހިފައިވާ ހަމައެކަނި ފެއަރ އަކީ ރާއްޖެއިން ބައިވެރިވާ ދެވަނައަށް އެންމެ ބޮޑު ފެއަރކަމަށްވާ ވޯލްޑް ޓްރެވެލް މާކެޓް ފެއަރ އެވެ. މިފެއަރ ކުރިއަށްދާނީ ނޮވެމްބަރު މަހުގެ ދެއަކުން ފަހަކަށް ލަންޑަނުގައެވެ.