ދުނިޔެ

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު 2،500 އަށް


އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު 2،500އަށް މަދުކޮށްފައިވާކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. މިއީ 2001ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން އަފްޣާނިސްތާނުގައި ތިބި އެންމެ ދަށް ޢަދަދެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާގެ ސަރުކާރުންވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ މެދާއި ހަމައަށް ދިޔުމުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު 4،500ން 2،500އަށް މަދުކުރާނެކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު 2،500އަށް މަދުކުރުމާއި ގުޅޭގޮތުން އެ ޤައުމުގެ އެކްޓިން ޑިފެންސް ސެކެޓްރީ ކްރިސް މިލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި އަހަރުގެ މެއި މަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި ހުރިހާ ސިފައިން އަނބުރާ ޤައުމަށް ގެނައުމަށް ނިންމުމަށް ދިފާޢީ ވުޒާރާއިން ރާވަމުންދާކަމަށެވެ. ނަމަވެސް އެ ރޭވުންތައް ބިނާވެގެންވަނީ ޚާއްޞަ ޝަރުތުތަކެއްގެ މައްޗަށްކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ ޢަދަދު އިތުރަށް މަދުކުރުމުގެ ކުރިން، ސިފައިންގެ ޢަދަދު މަދުކުރުމުން ދިމާވެދާނެ ކަންކަމާއި ގުޅޭ ތަފްޞީލީ ރިޕޯޓެއް ދިފާޢީ ވުޒާރާގެ ފަރާތުން ޤަނޫނު ހަދާ މަޖިލީހަށް ފޮނުވަން ޖެހޭގޮތަށް ވަނީ ޤާނޫނަށް ބަދަލު ގެނަސްފައެވެ. ނަމަވެސް އެގޮތަށް ޢަމަލު ނުކޮށް ސަރުކާރުން ދިޔައީ ސިފައިންގެ ޢަދަދު މަދުކުރަމުންކަމަށް ބައެއް ނޫސްތަކުންވަނީ ރިޕޯޓުކޮށްފައެވެ.

ޕެންޓެގަންގެ ތަރުޖަމާނު، އާމީ މޭޖަރ ރޮބް ލޯޑްވިކް ވިދާޅުވީ އެ ޤާނޫނުގައި އެހެން އޮތްކަމުގައި ވިޔަސް ސިފައިންގެ ޢަދަދު މަދުކުރެވޭފަދަ ލިޔުމެއްގައި ރައީސް ޓްރަންޕު ސޮއިކުރައްވާފައިވާކަމަށެވެ. ބެލެވޭ ގޮތުގައި އެ ލިޔުމުގައި ޓްރަންޕު ސޮއިކުރައްވާފައިވަނީ ސިފައިންގެ ޢަދަދު މަދުކުރި ފަހުންނެވެ.

އެމެރިކާގެ ސިފައިން އަފްޣާނިސްތާނަށް އަރައި ޙާމަލާދީފައިވަނީ 2001ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ހާދިޘާއަށް ފަހުގައެވެ. 2011ވަނަ އަހަރުގައި އެމެރިކާގެ 100،000އަށްވުރެ ގިނަ ސިފައިން ދިޔައީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންނެވެ.
އަންނަ ހަފުތާގައި އެމެރިކާގެ ވެރިކަމާއި ޙަވާލުވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ އެ ޤައުމުގެ އިންތިޚާބީ ރައީސް، ޖޯ ބައިޑަން އަފްޣާނިސްތާނާއިމެދު ގެންގުޅުއްވާނެ ސިޔާސަތާއިބެހޭ މާ ބޮޑު މަޢުލޫމާތެއް މިހާތަނަށް ދެއްވާފައެއް ނުވެއެވެ.