ޚަބަރު

ޤައުމުގެ ޙާލަތު ބަދަލުކުރެވޭނީ އާ ދިރުމެއްގައި ކެރިގެން ތެދުވެގެން: މިނިސްޓަރ ޝާހިދު


ރާއްޖޭގެ އަދުގެ ޙާލަތު ބަދަލު ކުރެވޭނީ އަންނަބީލާ ފާތުމަތު ސައީދުގެ ޅެންތަކުގައި ބަޔާންކޮށްފައިވާގޮތަށް އާ ދިރުމެއްގައި ކެރިގެން ތެދުވެގެން ކަމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ޅެންވެރިންގެ ދުވަހު އައްނަބީލާ އަލްމަރުޙޫމާ ފާޠިމަތު ސަޢީދުގެ ޒިކުރާ މިއަދު އާކުރަމުން މިދަނީ 2020 ވަނަ އަހަރު ތަޖުރިބާކުރި ހިތްދަތިކަމާއި ބުރަތަކާއި ގޮންޖެހުންތަކުން އަރައިގަނެވޭނެ ހިތްވަރު މި ދިވެހި ޤައުމުގައި އޮތްކަން ސާބިތުކޮށްދެމުން ކަމަށެވެ.

މިއަހަރުގެ ޅެންވެރީންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ " ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި..." މިއެވެ. މިއީ އައްނަބީލާ ފާޠިމަތު ސަޢީދު "އޭ ދިވެހި ޤައުމާއެވެ!" މި ސުރުޚީއަށް ހެއްދެވި ޅެމުގެ ފުރަތަމަ ބައިތުގެ ފުރަތަމަ މިސްރާއެވެ. ދިވެހިބަހުގެ އެކެޑަމީން މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރަނީ ދިވެހި ޅެންވެރިކަމުގެ ބަގީޗާގައި ނަރުގިސްމަލުގެ ނަމުން ނަން ދީފައިވާ އައްނަބީލާ އަލްމަރުޙޫމާ ފާޠިމަތު ސަޢީދުގެ ހަނދާނަށެވެ.

ޅެންވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފޮނިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އަންނަބީލާ ފާތުމަތު ސައީދު އެތައް އަހަރެއް ކުރިން ހައްދަވާފައިވާ ޅެމުގައި ވާގޮތަށް މިއަދު އަޅުގަނޑުމެން އަމަލުކުރަންޖެހިފައިވާކަމަށެވެ.

"އަޅުގަނޑުމެން މިއަދު މިތިބި ހާލަތުން އަޅުގަނޑުމެން އެހެން ޙާލަތަކަށް ބަދަލު ކުރެވޭނީ މި ޅެމުގައިވާގޮތަށް އަޅުގަނޑުމެން އާ ދިރުމެއްގައި ތެދުވަން ކެރިގެން، އެމަގު އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ދައްކަވަމުން. އައްނަބީލާ ފާޠިމަތު ސަޢީދުގެ ޒިކުރާ މިއަދު އާކުރަމުން މިދަނީ 2020 ވަނަ އަހަރު ތަޖުރިބާކުރި ހިތްދަތިކަމާއި ބުރަތަކާއި ގޮންޖެހުންތަކުން އަރައިގަނެވޭނެ ހިތްވަރު މި ދިވެހި ޤައުމުގައި އޮތްކަން ސާބިތުކޮށްދެމުން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ވަނީ ކޯވިޑް-19 ގެ ހާލަތުގައިވެސް މެދުކެނޑުމެއްނެތި ދިވެހި ބަހުގެ އެކަޑަމީއިން ކުރި މަސައްކަތްތައް ފާހަގަ ކުރައްވާ ޝުކުރު ދަންނަވާފައެވެ. އެގޮތުން ކޯވިޑް-19ގެ ހާލަތުގައިވެސް ޅެންވެރިކަމުގެ ކޯސްތައް ކުރިޔަށް ގެންދަވައި 500 އަށްވުރެ ގިނަ މީހުންނަށް ޅެންވެރިކަމުގެ ތަމްރީނުތައް ދެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ޅެންވެރިކަމުގެ ދުވަހުގެ ޖަލްސާގައި ވަނީ ޅެންވެރިކަމާއި ގުޅޭ 3 ފޮތެއް ވެސް ނެރެފައެވެ. އަދި "ޅެންވެރިޔާ" ގެ ނަމުގައި ޚާއްޞަ ވެބްސައިޓެއްވެސް ވަނީ އިފްތިތާހްކޮށްފައެވެ.

މީގެ އިތުރުން ދިވެހިބަހުގެ އެކަޑަމީން ކުރިޔަށްގެންދިޔަ ސަމާސާޅެން ހެދުމުގެ މުބާރާތުގެ ނަތީޖާވެސް ވަނީ ޖަލްސާގައި އިއުލާންކޮށްފައެވެ. މި ސަމާސާޅެންވެރިކަމުގެ މުބާރާތުން އެއްވަނަ ހާސިލްކޮށްފައިވަނީ ޢަބްދުﷲ އަފީފެވެ. އަދި ދެވަނަ ފާތިމަތު އަފްސާރާ ހޯދާފައިވާއިރު ތިންވަނަ ހޯދާފައިވަނީ އަހްމަދު ޝާޒެވެ. މީގެ އިތުރުން މި މުބާރާތުގައި ހުށަހެޅި ޅެންތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައިން މާކްސް ލިބުނު ޅެންތަކަށް ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެކަޑަމީން މައުލޫމާތުދެއެވެ.

މިއަހަރުގެ ޅެންވެރިކަމުގެ ދުވަހުގެ ޝިއާރުގެ ގޮތުގައި "ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި" ކަނޑައެޅީ މިއަހަރު ޅެންވެރިންގެ ދުވަސް ބައްދަލުކުރިއިރު މުޅި ދުނިޔެއާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ނުރައްކަލުގެ ނުތަނަވަސްކަމުން އަރައިގަތުމަށް ހިތްވަރު ދިނުމުގެ ގޮތުންކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއެވެ.