ޚަބަރު

ބައިޑަންގެ ސްޓިމިއުލަސް ޕެކޭޖުގެ ތަފްޞީލް ދެއްވައިފި


ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ވެރިކަމާއި ޙަވާލުވުމަށް ތައްޔާރުވަމުންދާ އައު ސަރުކާރުން ތަޢާރަފްކުރުމަށް ހުށަހަޅާ 1.9 ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖާއި ގުޅޭ މަޢުލޫމާތު އިންތިޚާބީ ރައީސް ޖޯ ބައިޑަން ޙިއްޞާކުރައްވައިފިއެވެ.

މިދިޔަ އަހަރުގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބައިޑަންވަނީ ކޯވިޑް-19ގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ޙާލަތާއިމެދު މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕަށްވުރެ ބޮޑަށް ވިސްނަވާ، ހަރުދަނާ ފިޔަވަޅުތައް އަޅުއްވާނެކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ. ބައިޑަންގެ ސަރުކާރުން ތަޢާރަފުކުރާ ސްޓިމިއުލަސް ޕެކޭޖުގެ މަޤުސަދަކީ ބައިޑަންގެ އެ ވަޢުދު ފުއްދާ، ކޯވިޑް-19ން އަރައިގަތުމަށް ބޭނުންވާ ވަޞީލަތްތައް ހޯދާ، ޤައުމުގެ އިޤްތިޞާދު ހަރުދަނާކުރުމެވެ.

ޑެލަވެއާގައި ހުންނަވާ ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ ޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށްޖަހައި، އެމެރިކާގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޤައުމުގެ ރައްޔިތުންނަށް ކޯވިޑް-19 ވެކްސިން ދޭ މިންވަރު އަވަސްކުރުމަށް ވަރުގަދަ އިންވެސްޓުމަންޓުތައް ބޭނުންވާކަމަށެވެ. ބައިޑަން ވިދާޅުވީ އެމެރިކާގެ ރައްޔިތުން ބޮޑެތި އުނދަގޫތައް ތަހައްމަލުކުރަމުންދާ މަންޒަރު ސާފުކޮށް ފެންނަމުންދާކަމަށާއި ކާރިޘާގެ މި ދަނޑިވަޅުގައި އެއްވެސް ވަގުތެއް ބޭކާރުކުރެވެން ނެތްކަމަށެވެ. އަދި މިހާރުން މިހާރަށް ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ބައިޑަންގެ ސްޓިމިއުލަސް ޕެކޭޖުގެ ތެރޭގައި ކޯވިޑް-19އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށާއި ވެކްސިން ދިނުމުގެ މަސައްކަތަށް 415 ބިލިއަން އެމެރިކާ ޑޮލަރު ހިމަނާފައިވެއެވެ. އެ ފައިސާ ޚަރަދުކުރާނީ ޤައުމީ ވެކްސިން ދިނުމުގެ މަޝްރޫޢުއަށާއި ތަހުލީލުކުރުމާއި ވެކްސިން ފޯރުކޮށްދޭ ފަރާތްތަކާއި ކޮންޓެކްޓް ޓްރޭސިންގ މަސައްކަތްކުރާ ފަރާތްތަކަށާއި ސްޓޭޓުތަކަށް ޚަރަދުކުރުމަށެވެ.

އޭގެ އިތުރުން ސީދާ ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރުވަނީ ހިމަނާފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާ ކުދި ވިޔަފާރިތަކަށާއި މުޖުތަމަޢުތަކަށް އެހީތެރިވުމަށް 440 ބިލިއަން އެމެރިކާ ޑޮލަރުވަނީ ހިމަނާފައެވެ.

ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވަކި ޢަދަދަކަށްވުރެ ދަށް އާމްދަނީއެއް ލިބޭ ފަރާތްތަކަށް 1400 އެމެރިކާ ޑޮލަރުގެ ޗެކު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދޫކޮށްފައިވާ 600 އެމެރިކާ ޑޮލަރުގެ ޗެކުތަކުގެ އިތުރުންނެވެ. އޭގެ އިތުރުން ވަޒީފާ ނެތް މީހުންނަށް ހަފްތާއަކު އެއްފަހަރު ދެމުންދާ 300 އެމެރިކާ ޑޮލަރުގެ އިންޝިއުރަންސް 400 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. މާރިޗު މަހުގައި މުއްދަތު ހަމަވާ އެ އިންޝުއަރަންސު ފައިސާ ސެޕްޓެމްބަރު މަހާއިހަމައަށް ދޫކުރުމަށްވެސް ބައިޑަންވަނީ ހުށަހަޅުއްވާފައެވެ.

މިހާރުގެ ރޭވުންތަކުގައިވާ ގޮތުން ލޯނުތައް ނުދެއްކުމުގެ ސަބަބުން މުދާ އަތުލުމާއި ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނެރެލުން ސެޕްޓެމްބަރު މަހާއި ހަމައަށް މަނާވާނެއެވެ. މިހާރު އޮތް ގޮތުންނަމަ ޖަނަވަރީ މަސް ނިމުމުން މުދަލާއި ގެދޮރު އަތުލެވޭނެއެވެ. އޭގެ އިތުރުން ކުއްޔާއި ބިލުތައް ދެއްކުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ބަނޑުހައިހޫނުކަމާއި ދެކޮޅަށް އެހީތެރިވުމަށްވެސް ފައިސާވަނީ ކަނޑައަޅާފައެވެ.

ބައިޑަންވަނީ އެންމެ ދަށް އުޖޫރަ ގަޑިއިރަކު 7.25 އެމެރިކާ ޑޮލަރުން 15 ޑޮލަރަށް އިތުރުކުރުމަށް ގޮވައިލައްވާފައެވެ.

ބައިޑަން ވިދާޅުވީ އެ ޕެކޭޖަކީ ވަރަށް ބޮޑު ޚަރަދެއްކަން ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް މިހާރު އެ ޚަރަދު ނުކޮށްފިނަމަ އޭގެ ސަބަބުން ފަހުންވާ ގެއްލުން މާ ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިޤްތިޞާދީ މާހިރުންނާއި މާލީ އިދާރާތަކާއި ބޮޑެތި ބޭންކުތަކުން މިފަދަ ޕެކޭޖަކަށް ޤައުމު ބޭނުންޖެހިފައިވާކަމަށް އެއްބަސްވާކަމަށް ބައިޑަން ވިދާޅުވިއެވެ. މިވަގުތު ޤައުމުގެ މަސައްކަތްތެރިންނާއި ޢާއިލާތަކަށް އަމާޒުކޮށް ބޮޑު ޢަދަދެއް ހޭދަކޮށްފިނަމަ އިޤްތިޞާދު ރަނގަޅުވެ، ތަފާތުތައް ކުޑަވެ ދުރު ރާސްތާގައި ޤައުމުގެ މާލީ ޙާލަތު ރަނގަޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބައިޑަންގެ އިންތިޤާލީ ވަފުދުން ބުނީ އެމަނިކުފާނުގެ ސްޓިމިއުލަސް ޕެކޭޖު ވެގެންދާނީ އުނދަގޫ ޙާލަތަކުން ޤައުމު ސަލާމަތްކޮށްދޭނެ ޕެކޭޖަކަށްކަމަށެވެ. އެ ޕެކޭޖު ދޫކުރުމަށްފަހު ކުރިއަށްއޮތް ހަފުތާތަކުގައި އިތުރު ޕެކޭޖެއް އިޢުލާނުކުރާނެކަމަށްވެސް އެ ފަރާތުން ބުންޏެވެ.