ޚަބަރު

ނެދަލޭންޑްސްގެ ސަރުކާރު އިސްތިޢުފާ ދީފި


ކުޑަކުދިން ބެލެހެއްޓުމުގެ ކަންކަމަށް ދޫކުރާ ސަބްސިޑީއާއިގުޅޭ މައްސަލައެއްގައި ނެދަލޭންޑްސްގެ ސަރުކާރު އިސްތިޢުފާ ދީފިއެވެ.

ސަރުކާރު އިސްތިޢުފާ ދީފައިވާކަން އިޢުލާނުކުރެއްވީ އެ ޤައުމުގެ ބޮޑުވަޒީރު މާކް ރޫޓެވެ. އިސްތިޢުފާ ދެއްވާފައިވާކަން އިޢުލާނުކުރައްވަމުން ރޫޓުވަނީ ކުޑަކުދިން ބެލެހެއްޓުމަށްދޭ ސަބްސިޑީގެ ކަންކަން އެތައް އަހަރެއް ވަންދެން ސަރުކާރުން ޒިންމާދާރުކަމާއިއެކު ބަހަލައްޓާފައިނުވާކަމަށް އެއްބަސްވެވަޑައިގަންނަވާފައެވެ. އެ ސަބްސިޑީއާއިގުޅޭ މައްސަލަތަކުގެ ސަބަބުން އެ ޤައުމުގެ އެތައް ޢާއިލާއެއްވަނީ މާލީގޮތުން ނުތަނަވަސް ޙާލަތަށް ވެއްޓި ބަނގުރޫޓުވެފައެވެ.

ރޫޓު ވިދާޅުވީ އޭނާގެ އަސްތިޢުފާގެ ސިޓީ އެ ޤައުމުގެ ރަސްގެފާނު، ވިލިއަމް އެލެކްޒެންޑަރއާއި ޙަވާލުކުރައްވާފައިވާކަމަށެވެ. މި އަހަރުގެ މާރިޗު މަހުގައި އެ ޤައުމުގެ އާންމު އިންތިޚާބު ބާއްވަންދެން ވަޒީރުންގެ މަޖިލީހުން ބެލެނިވެރި ދަޢުރެއް ޢަދާކުރަމުން ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ ތެރޭގައި ނެދަލޭންޑްސްގެ ޤަނޫނުހަދާ މަޖިލީހުންވަނީ ސަބްސިޑީގެ މައްސަލައާއިގުޅޭ ޚާއްޞަ ތަހުޤީޤެއް ކޮށްފައެވެ. އެ ތަހުޤީޤުން ހާމަވިގޮތުގައި ސަރުކާރުގެ ޓެކްސްއާއިބެހޭ ބައެއް އޮފިޝަލުންވަނީ ބައެއް ޢާއިލާތަކުން ޓެކްސަށް މަކަރު ހަދާފައިވާކަމަށް ގޯސްކޮށް ތުހުމަތުކޮށްފައެވެ.

އެ ތަހުޤީޤު ރިޕޯޓުގައި ބުނީ 10،000އަށްވުރެ ގިނަ ޢާއިލާއިން ސަބްސިޑީގެ ގޮތުގައި ލިބުނު އެތައް ހާސް ޔޫރޯއެއް އަނބުރާ ދެއްކުމަށް ސަރުކާރުން މަޖުބޫރުކޮށްފައިވާކަމަށެވެ. އޭގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި، ބަނގުރޫޓުވެ، ޢާއިލާތައް ރޫޅިފައިވާކަމަށް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.