ކުޅިވަރު

މާޒިޔާ އެއްވަނައިގައިި ތިން ޕޮއިންޓުގެ ލީޑެއް


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މެޗުގައި ފުރަތަމަ ފުރުސަތު ތަނަވަސްކުރީ މާޒިޔާ އިންނެވެ. މެޗުގެ ތިން ވަނަ މިނިޓްގައި މޫސާ ޔާމީން (ޔާމްބެ) ނެގި ހުރަހެއް ބޭރުވީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. ޓީސީން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާ ފެނުނީ 12 ވަނަ މިނިޓްގައެވެ. އެ ޓީމުގެ ސެއިން ވިންސެންޓްގެ ފޯވާޑް މެލްކޮމް ކެސިއަސް ސްޓެވާޓް އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

ކައުންޓާ އެޓޭކެއްގައި މާޒިޔާ އިން ތަަނަވަސްކުރި ފުރުސަތެއްގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމުން ލީޑުނެގިއެވެ. މި ގޯލު ޖެހީ މާޒިޔާގެ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)އެވެ. މިއީ ކޯނޭ ޖެހި ބޯޅައެއް ޓީސީގެ ލަންކާ ޑިފެންޑަރު ޔޮގެންދަރަން ޑަކްސަން އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މާޒިޔާ އިން ފުރަތަމަ ހާފުގައި ދެ ވަނަ ލަނޑެއް ޖަހަން ރަނގަޅު ހަމަލާތަކެއް ފޮނުވާލިއެވެ. ހިލޭ ޖެހުމަކުން އުމެއިރު ފޮނުވާލި ހަމަލާގެ އިތުރުން އޭރިއާ ތެރެއިން ކޯނޭ ޖެހި ޝޮޓް ޓީސީގެ އަޒަރުބައިޖާން ގޯލްކީޕަރު މަމަދޯފް އާޒާދް ވަނީ މަތަކޮށްފައެވެ.

ކައުންޓަ އެޓޭކުގައި މާޒިޔއިން ވަނީ ދެ ވަަނަ ގޯލެއް ޖަހައިފަ އެވެ. ޓީސީ އަށް ލިބުނު ކޯނަރަކުން މާޒިޔާ ހާފްގެ ތެރެއިން ފޭދޫ އިއްބެ އަށް ލިބުނު ބޯޅަ ހިފައިގެން ގޮސް އޭނާ ޖައްސާލީ ކޯނޭ އަށެވެ. ކޯނޭ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފައެވެ. މިއީ މި ސީޒަންގައި ސްޓެވާޓް ކޯނޭ ކާމިޔާބު ކުރި6 ވަނަ ލަނޑެވެ. 

ޓީސީން މެޗުގައި ޖެހި ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކުރީ ޑަކްސަންއެވެ. ކޯނަރެއްގައި އޭރިއާ ތެރެއިން ލިބުނު ބޯޅަ ޑަކްސަން ވަނީ މަތީ ކަނަށް އަމާޒުކޮށްލައިފައެވެ. މެޗުގައި ޓިސީގެ އިބްރާހިމް އަތީގް (އިއްބެ) އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ މާޒިޔާގެ ސާބިއާ ކީޕަރު ނިކޮލަ ވުޔަނަކް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މެލްކޮމް ބޮލުން ޖެހި ބޯޅައެއް ބޭރުވީ ހުރަސްދަނޑީގައި ޖެހިފައެވެ.

މި ވަގުތު މާޒިޔާ އެއް ވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައިވަނީ ފަސް މެޗުން 11 ޕޮއިންޓެވެ.