ޚަބަރު

ބުރެޒިލުގެ ސްޓޭޓަކުން އޮކްސިޖަން ހުސްވެއްޖެ


ކޯވިޑް-19ގެ ސަބަބުން ބްރެޒިލުގެ އެމެޒޯނާސް ސްޓޭޓުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި އެމެޒޯނާސް ސްޓޭޓުގައި ބަލިޖެހޭ މީހުންގެ ޢަދަދާއި ބަލީގައި މަރުވާ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެމެޒޯނާސް ސްޓޭޓުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ އޮކްސިޖަން ލިބެން ހުރި މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ބުރެޒިލުގެ ސަރުކާރުންވަނީ ހާމަކޮށްފައެވެ. ޞިއްޙީ ފަރުވާދޭނެ މުވައްޒަފުންނާއި ވަޞީލަތްތައް އެދެވޭ މިންވަރަށް ލިބެން ނެތުމުގެ ސަބަބުން އެ ސްޓޭޓުގައި ގިނަ ޢަދަދެއްގެ މީހުން މަރުވުން އެކަށީގެންވާކަމުގެ އިންޒާރު ޞިއްޙީ ޚިދުމަތްތެރިންދަނީ ދެމުންނެވެ.

އެމެޒޯނާސް ސްޓޭޓުން މިހާރުވަނީ އެ ސްޓޭޓުގެ ވެރިކަންކުރާ ސިޓީކަމުގައިވާ މަނާއުސްއަށް އަސްކަރީ މަތިންދާބޯޓެއްގައި އޮކްސިޖަން ސިލިންޑަރު ފޮނުވައިދިނުމަށް އެމެރިކާގެ ކިބައިން އެދިފައެވެ. އޭގެ އިތުރުން އެމެޒޯނާސްގައި އުފައްދާ އޮކްސިޖަންގެ މިންވަރަށްވުރެ ތިން ގުނައަށް އިތުރު މިންވަރެއް އެ ސްޓޭޓަށް ބޭނުންވާކަމަށް ވިދާޅުވެ އެހެން ސްޓޭޓުތަކުގެ އެހީތެރިކަމަށް އެ ސްޓޭޓުގެ ޞިއްޙަތާއިބެހޭ ވަޒީރު މާސެލަސް ކަމްޕޭލޯވަނީ އެދިލައްވާފައެވެ.

އެނގިފައިވާ ގޮތުގައި އޮކްސިޖަން ހުސްވުމުގެ ސަބަބުން ހަސްފަތާލުތަކުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންޑާ ގިނަ ޢަދަދެއްގެ މީހުންވަނީ ވެންޓިލޭޓަރުން ނަގައިފައެވެ. މަނާއުސްގެ ގޭގޭގައި ބަލިޖެހިފައިވާ ގިނަ ޢަދަދެއްގެ މީހުން ފަރުވާ ނުލިބުމުގެ ސަބަބުންދަނީ މަރުވަމުންނެވެ. އެމެޒޯނާސް ސްޓޭޓުން ޖަޕާނަށް ދަތުރުކުރި ބައެއްގެ ހަށިގަނޑުން ކޯވިޑް-19ގެ އައު ވައްތަރެއް ފެނިފައިވާތީ އެ ސްޓޭޓުގައި ވައިރަހުގެ އައު ވައްތަރެއްވެސް ދައުރުވަމުންދާކަންވެސް މިހާރުވަނީ ކަށަވަރުވެފައެވެ.

ބްރެޒިލުގައި މިހާތަނަށް 8.3 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 207،160 މީހުން އެބަލީގައި މަރުވެފައެވެ. އެމެރިކާއަށްފަހު އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ ބްރެޒިލެވެ. މަނާއުސް ސިޓީއަކީ ބުރެޒިލުގައި ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރުވެސް އެންމެ ޙާލަތު ގޯސްވި ސިޓީތަކުގެ ތެރޭގައި ހިމެނޭ ސިޓީއެކެވެ.