ޚަބަރު

ޖެންޑަރގެ 2018 އޮޑިޓް : މާލިއްޔާތު ޤަވާއިދާއި ޚިލާފަށް ގިނަ ކަންތައްތަކެއް


ޖެންޑަރ މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މާލިއްޔާތު ޤަވާއިދާ ޚިލާފަށް ބޮޑެތި ޚަރަދުތަކެއްކޮށްފައިވާކަން ހާމަވެއްޖެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވާ، އެކަންކަން އިސްލާހުކުރުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދެއްވާފައެވެ.

ޖެންޑަރ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި ކޮންޓްރެކްޓެއް ބާތިލުކުރުމަށްފަހު، ބޮޑު އަގެއްގައި އަލުން އެހެން ފަރާތަކާ ހަވާލުކޮށްފައިވާ މައްސަލައެއް ހިމެނެއެވެ. މިގޮތުން ލ.އަތޮޅުގައި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރު އިމާާރާތްކުރުމުގެ މަސައްކަތް 2016 ވަނަ އަހަރު 7.1 މިލިއަން ރުފިޔާއަށް ބަޔާކާއި ޙަވާލުކުރުމަށްފަހު، މަސައްކަތުގެ އަގުބޮޑުކަމަށް ބުނެ 2017 ވަނަ އަހަރު ކޮންޓްރެކްޓް ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް ފަހުން ހަމަ އެމަސައްކަތް އެއަށްވުރެ ބޮޑު އަގެއްގައި، 10.4 މިލިއަން ރުފިޔާއަށް، ދައުލަތުގެ މާލިއްޔާތު ޤަވާއިދާ ޙިލާފަށް އެހެން ބަޔަކާ ހަވާލުކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެމަސައްކަތް ހަވާލުކުރި ފަރާތަކަށް އެޑްވާންސް ފައިދާ ދީފައިވާއިރު، މަސައްކަތުގެ ޕްރޮގްރެސިވް ޕޭމަންޓުން އެޑްވާންސް ފައިސާއާއި ރިޓެންޝަން ފައިސާ އުނިކޮށްފައި ނުވާކަމަށްވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. މިއީ އެނގިހުރެ ދައުލަތަށް ގެއްލުންވާ ގޮަތަށް ކޮށްފައިވާކަމެއްކަމަށް ބެލެވޭތީ، މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ޖެންޑަރ މިނިސްޓްރީގެ އޮޑިޓްގައި ފާހަގަކޮށްފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި، ވިލިމާލެ އާއި ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލާ މަރުކަޒުތަކަށް އިއުލާންކުރުމެއް ނެތި މުދާ ގަތުން ހިމެނެއެވެ. މީގެއިތުރުން ކޮއްތު ފައިސާގެ ހިސާބުތައްވެސް ރަނގަޅަށް ބަލަހައްޓާފައިނުވާއިރު، އެކަންކަން އިސްލާހުކުރުމަށް ކުރިން އަންގާފައިވާ އެންގުންތަކަށްވެސް އިސްލާހީ ފިޔަވަޅެއް އަޅާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ބައެއް މުއައްސަސާތަކުން ހޯދާފައިވާ ބައެއް ތަކެއްޗާއި ޚިދުމަތަށް ފައިސާ ދައްކާފައިވާއިރު، އެތަކެތި ނުވަތަ ޚިދުމަތް ލިބުނުކަން ލިޔެކިޔުމުން ކަށަވަރުނުވާކަމަށްވެސް އޮޑިޓް ރިޕޯޓުން ހާމަވެއެވެ.