ދުނިޔެ

ރޮހިންޔާ ކޭމްޕުތަކެއްގައި ރޯވެ އެތައް ބަޔަކު ވަންނާނެތަނެއް ނެތި


ރޮހިންޔާގެ ރެފިއުޖީން ދިރިއުޅޭ ބަންގްލަދޭޝްގެ ދެކުނުގައި އޮންނަ ކޭމްޕުތަކެއްގައި އަލިފާން ރޯވެ އެތައް ހާސް ބަޔަކު އަނެއްކާވެސް މަގުމަތިވެއްޖެއެވެ. މި ހާދިޘާގައި މި މީހުންގެ މީހުންގެ ގެދޮރާއި އަންނައުނު ހަލާކުވެ ގިނަ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ޔޫއެން ރެފިއުޖީ އޭޖެންސީ، ޔޫއެންއެޗުސީއާރުން ބުނީ ތިންހާސް ފައްސަތޭކަ އެއްހާ މީހުން ދިރިއުޅޭ މި ސަރަހައްދުގައި ހުރި 500 ވުރެ ގިނަ ވަގުތީ ހިޔާތަކަށް މި ހާދިޘާގައި ގެއްލުންވެފައިވާކަމަށެވެ. އަދި ބައެއް ހިޔާތައް އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށްވެސް އެ އެޖެންސީ ބުނެއެވެ. މީގެއިތުރުން 150 ފިހާރައަކަށައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއްގެ އިމާރާތައްވެސް އެކިވަރުގެ ގެއްލުންވަނީ ލިބިފައެވެ.

ނަޔާޕާރާ ކޭމްޕު އެއްކޮށް އަނދާ ހުލިވެފައިވާއިރު އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެތަނުގެ އީ-ބުލޮކަށެވެ. އެތަނުން އެއްވެސް އެއްޗެއް ސަލާމަތްކުރެވިފައި ނުވާކަމަށް އެތަނުގައި ދިރިއުޅޭ ބައެއް މީހުން ބުނެއެވެ.

ޔޫއެންއެޗުސީއާރުން ބުނީ ހާދިޘާގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެ ޖަމާޢަތުން ބޯހިޔާވަހިކަމާއި އަންނައުނާއި ކާބޯތަކެއްޗާއި ޞިއްޙީ ފަރުވާގެ އިތުރުން ބޭނުންވާ އެހެނިހެން ސާމާނު ފޯރުކޮށްދެމުންދާކަމަށެވެ. އަދި ސަލާމަތީ މާހިރުންނާއި ކަމާއިބެހޭ އިދާރާތައް ގުޅިގެން އަލިފާނުގެ ހާދިޘާ މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެ އެޖެންސީ ބުނެއެވެ.

ބަންގުލަދޭޝްގެ ސަރުކާރުގެ ފަރާތުން ރޮހިންޔާގެ ރެފިއުޖީންނާއި ގުޅޭ ކަންކަމާއި ޙަވާލުވެ ހުންނަވާ އިސް ފަރާތުގެ ނައިބު، މުޙައްމަދު ޝަމްސުދް ދައުޒާ ވިދާޅުވީ ކޮކްސް ބާޒާރު ޑިސްޓްރިކްޓުގައި އޮންނަ ރެފިއުޖީ ކޭޕްމުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ދެ ގަޑިއިރެއްހާއިރު ހޭދަވިކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތަށް އިތުރު ގޮންޖެހުންތައް ކުރިމަތިވީ އެތަނުގައި ހުރި ޖިފުޓިތަކުގައި ހުރި ގޭސް ސިލިންޑަރުތަކުގައި އަލިފާން ހިފާ ގޮވުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ. ގެއްލުން ލިބިފައިވާ ކޭމްޕު އަލުން މަރާމާތު ކުރާނީތޯ ނުވަތަ އެތަނުގައި ދިރިއުޅެމުންދިޔަ ރެފިއުޖީން އެހެން ސަރަޙައްދަކަށް ބަދަލުކުރާނީތޯ ދަނީ މަޝްވަރާކުރަމުންނެވެ. އަދި މިކަމުގައި މިހާތަނަށް ހަދާނެ ގޮތެއް ނިންމާފައެއް ނުވެއެވެ.

ބަންގުލަދޭޝްގެ ދެކުނުގައި ހުންނަ ކޭމްޕުތަކުގައި ރޮހިންޔާގެ މިލިއަނަކަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ 2017ވަނަ އަހަރުގައި މިޔަންމާގައި އެމީހުންނަށް އަމާޒުކޮށް އަނިޔާވެރި ހަމަލާދެމުންދާތީ އެ ޤައުމު ދޫކޮށް ފިލާފައިވާ މީހުންނެވެ.