ޚަބަރު

މޫދަށް ވެއްޓުނު ކާރުން މީހުން ސަލާމަތްކުރި އޮފިސަރުންނަށް ސެލިއުޓް


މަފުށީގައި ހިނގި އެކްސިޑެންޓެއްގައި މޫދަށް ވެއްޓުނު ކާރުގައި ތިބި މީހުން ސަލަމާތްކުރި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އޮފިސަރުންނަށް ތައުރީފުކޮށްފިއެވެ.

އިއްޔެ ރޭ ހިނގި މި އެކްސިޑެންޓްގައި މޫދަށް ވެއްޓުނު ކާރުގައި ތިބި ތިން މީހުން ސަލާމަތްކުރީ ކަރެކްޝަންސްގެ އެސިސްޓެންޓް ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުލްޣަނީ އާއި ޕްރައިވެޓް ހުސެއިން ސަލާހްއެވެ.

ކޮމިޝަނަރ އޮފް ކަރެޝަންސް އަހްމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޫދަށް ވެއްޓުނު ކާރުން މީހުން ސަލާމަތްކުރުމަށް މި ދެމުވައްޒަފުން އެޅި އަވަސް ފިޔަވަޅަކީ ކާރުގައި ތާސިވި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ލިބުނު އެހީއެއްކަމަށެވެ. އަދި މި އޮފިސަރުންގެ ހިތްވަރާއި ހެޔޮ އަމަލަަށް ސެލިއުޓްކުރާކަމަށްވެސް އަހްމަދު މުހައްމަދު ވިދާޅުވިއެވެ.

ކ މާފުށީގައި ޤަވާއިދާ ޚިލާފަށް ދުއްވި ކާރެއް ކޮންޓްރޯލްނުވެ ގޮސް މޫދަށް ވެއްޓިފައިވަނީ އިްޔެ ރޭ މެންދަމު 00:46 ގައި ކަމަށް ފުލުހުން ވިދާޅުވެއެވެ. މިއެކްސިޑެންޓުގައި ކާރުގައި ތިބި 3 މީހުންގެ ތެރެއިން 2 މީހަކަށް އަނިޔާވެފައިވާކަމަށާއި ފުލުހުންގެ އެހީތެރިކަމާއެކު ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިއެކްސިޑެންޓުގައި ކާރު ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް 2 ލޯންޗެއްގައި ޖެހި 2 ލޯންޗަށްވެސް ގެއްލުންވެފައިވާކަމަށެވެ. މި އެކްސިޑެންޓްވި ކާރު ދުއްވަން އިނީ އެކެޓެގަރީގެ ވެހިކަލް ދުއްވުމުގެ ލައިސެންސް ނެތް މީހެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.