ޚަބަރު

ކޯވިޑް-19އާއި ކުރިމަތިލާ ދެވަނަ އަހަރު ކުރިއަށްވުރެ އުނދަގޫވެދާނެ: ޑަބްލިއުއެޗުއޯ

ކޯވިޑް-19 ވައިރަހުގެ އައު ވައްތަރުތައް ފެނި ފެތުރެމުންދާ ގޮތަށް ބަލާއިރު ބަލީގެ ސަބަބުން ކުރިމަތިވާ ޙާލަތު މިދިޔަ އަހަރަށްވުރެ މި އަހަރު އުނދަގޫވެދާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފިއެވެ.

ޑަބްލިއުއެޗުއޯއިން ބުނީ ބަލިޖެހޭ މީހުންގެ ޢަދަދު ދެ ހަފުތާއެއްހާ ދުވަހަށް ދަށްވެލުމަށްފަހު ފާއިތުވި ހަފުތާގެ ފަހުކޮޅުގައި ފަސް މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. ބަލިޖޭހޭ މީހުންގެ ޢަދަދު ކުއްލިއަކަށް އިތުރުވުމުގެ ސަބަބެއްކަމަށް ބެލެވެނީ ޗުއްޓީ ދުވަސްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަކޮށް ގިނަ މީހުން އެކަކު އަނެކަކާއި ބައްދަލުކުރުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް އެ ޖަމުޢިއްޔާއިން ބުންޏެވެ.

ޑަބްލިއުއެޗުއޯގެ ކުއްލި ޙާލަތްތަކާއިބެހޭ އިސްވެރިޔާ، މައިކް ރަޔާން ވިދާޅުވީ މިހާރު ފެންނަމުންދާ ބައެއް މައްސަލަތަކުގެ ސަބަބުން މި އަހަރު ދިމާވާ ދަތިތައް މިދިޔަ އަހަރަށްވުރެ އިތުރުވުން އެކަށީގެންވާކަމަށެވެ. އުތުރު ހެމިސްފިއާގައި ހިމެނޭ ބައްރުތަކުގައި، ޚާއްޞާ ގޮތެއްގައި ވިލާތާއި އުތުރު އެމެރިކާގައި މިހާރު ފެންނަމުންދާ ކަންކަމުން ވަރަށް ގިނަ ޤައުމުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާކަމަށް އޭނާ ވިދާޅިވިއެވެ.

ޑަބްލިއުއެޗުއޯގެ ކޯވިޑް-19އާއި ގުޅޭ ފަންނީ އިސްވެރިޔާ، މާރިއާ ވޭން ކާޚޯވް ވިދާޅުވީ ޗުއްޓީއަށްފަހު ގިނަ ޤައުމުތަކެއްގެ ޙާލަތު ގޯސްވާނެކަމަށެވެ. އޭނާ ވިދާޅުވީ ބަލިފެތުރޭ މިންވަރު އިތުރުވެލާފައި ދަށްވުމަށްފަހު އަނެއްކާވެސް އިތުވުމުގައި ގިނަ ދުވަސްތަކެއް ވަންދެން ދެމިތިބެންޖެހިދާނެކަމާއިމެދު ކަންބޮޑުވެލައްވާކަމަށެވެ. އަދި ގައިދުރުކަން ފަރިތަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގަތެވެ.

ކޯވިޑް-19 ޖައްސާ ވައިރަހުގެ ގައިންގަޔަށް އެރުމުގެ ބާރު މާ ވަރުގަދަ ވައްތަރެއް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާތީ ބައްޔާއިމެދު އޮތް ކަންބޮޑުވުންތައް އަނެއްކާވެސްވަނީ އިތުރުވެފައެވެ. ވިލާތުގެ ސަރުކާރުތަކުންވަނީ އެ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ފިޔަވަޅުތައް އަޅާފައިވާ މުއްދަތު އިތުރުކޮށްފައެވެ.
އެގޮތުން ސްވިޒަލޭންޑުގައިވަނީ ގޭގައި ތިބެގެން ވަޒީފާ ޢަދާކުރުމަށް އަންގައި ފިހާރަތަކާއި ވިޔަފާރިތައް ބަންދުކޮށްފައެވެ. އިޓަލީވިލާތުންވަނީ އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ކުއްލި ޙާލަތުގެ މުއްދަތު އިތުރުކޮށްފައެވެ. ޖަރުމަނުވިލާތުންވަނީ އެކަކު އަނެކަކާއި ބައްދަލުވުން މަދުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައެވެ.

މިހާތަނަށް 92.7 މިލިއަން މީހުންނަށް ކޯވިޑް-19ޖެހި 1.9 މިލިއަން މީހުންވަނީ މަރުވެފައެވެ.