ޚަބަރު

ހުނަރުން ފުރިގެންވާ ބަޔަކަށް ކުޑަކުދިން ހެދުމަށް "މޭކަރސްޕޭސް"


ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި "މޭކަރސްޕޭސް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް އިފްތިތާޙުކޮށްފިއެވެ.

މި ޕްރޮގްރާމަކީ ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ކުޑަކުދިންނަކީ ތަފާތު ހުނަރުތައް ލިބިގެންވާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ފެށި ޕްރޮގްރާމެކެވެ.

"މޭކަރސްޕޭސް" ޕްރޮގްރާމް އިފްތިތާޙުކޮށްފައިވާއިރު، މި ޕްރޮގްރާމުގެ ޙަރަކާތްތައް ހިންގުމުގައި އެހީވުމަށް ޤައުމީ ކުތުބުޚާނާއިން ސްޓެމް ސްޕޭސްއާއެކު ފަޙުމު ނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

މި ފަހުމުނާމާގައި ޤައުމީ ކުތުބުޚާނާގެ ފަރާތުން ސޮއިކުރެއްވީ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ނައިބު އަޙުމަދު މުޙުސިންއެވެ. އަދި ސްޓެމް ސްޕޭސްގެ ފަރާތުން ސޮއިކުރެއްވީ ސްޓެމް ސްޕޭސްގެ ފައުންޑަރ އަދި ސީއީއޯ ޑރ. އިބްރާހިމް ލަޠީފްއެވެ.

މި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓްރީގެ ނައިބު އަޙުމަދު މުޙުސިން ވިދާޅުވީ މިނިސްޓްރީގެ އުއްމީދަކީ ކުތުބުޚާނާއަކީ ހަމައެކަނި ފޮތް ކިޔުމާއި މަޢުލޫމާތު ފޯރުކޮށްދޭ ތަނެއްގެ އިތުރުން ހުނަރުތައް ތަރައްޤީ ކުރާ ތަނަކަށް ހެދުންކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ލައިބްރަރީއަކީ ފޮތް ކިޔަން ހުންނަ ތަނަކަށް ހެދުމުގެ ބަދަލުގައި ތަފާތު މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ހުނަރުވެސް ކުދިންނަށް ދަސްކޮށްދޭ ތަނަކަށް ހެދުން. މިއީ އެކަމުގެ ފެށުމެއް. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ތަނުގައި ރަނގަޅު ކުރިމަގެއް ބިނާކުރެވޭނެ." މުޙުސިން ވިދާޅުވިއެވެ.

ޤައުމީ ކުތުބުޚާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގައި ތަފާތު އުމުފުރާއަށް ފަރުމާކުރެވިގެން މޭކަރސްޕޭސްގެ ހަތަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ކުތުބުޚާނާއިން ވިދާޅުވެއެވެ. މޭކަރސްޕޭސްއަކީ އެކި ވައްތަރުގެ އާލާތްތަކާއި ތިމާއަށް ލިބިފައިވާ ޢިލްމެއް އަދި ބިނާކުރަނިވި ޚިޔާލު އެހެން ފަރާތްތަކާއި ހިއްސާކުރުމަށް ޚާއްސަ ކުރެވިފައިވާ ޖާގައެކެވެ.

ސްޓެމް ސްޕޭސްގެ ސީއީއޯ ޑރ. އިބްރާހިމް ލަޠީފް ވިދާޅުވީ މިހަރަކާތްތަކުގެ ތެރެއިން މައިގަނޑުގޮތެއްގައި ކުރިޔަށްދާނީ އެވަޤުތަކު ލިބެން ހުރި ތަކެތި ބޭނުންކޮށްގެން ހައްލު ހޯދުމުގެ ހަރަކާތްތަކެއް ކަމަށެވެ.

"މޭކަރސް ސްޕޭސްއަކީ ޙަޤީޤަތުގައި ޓެކްނޮލޮޖީއާއި މުޖުތަމަޢުގައި ހުންނަ އެހެނިހެން މަޞީލަތްތައް ބޭނުންކޮށްގެން ޙައްލުތައް ނެރުން. އެންމެ ބޮޑު އިސްކަމެއްދީގެން ކުރިޔަށްދާނީ އެއިރެއްގައި ލިބެން ހުންނަ ވަޞީލަތްތަކުން ހައްލު ހޯދުމުގެ ހުނަރު ތަރައްޤީ ކުރުމުގެ ޙަރަކާތްތައް. ފުންކޮށް ވިސްނައި އަމިއްލައަށް ހައްލު ހޯދުމުގެ ހުނަރާއި ދެބައި ކުރިޔަށްދާނެ." ޑރ. އިބްރާހިމް ލަޠީފް ވިދާޅުވިއެވެ.

ޤައުމީ ކުތުބުޚާނާއިން ވިދާޅުވާ ގޮތުގައި ސްޓެމް ސްޕޭސްގެ އެހިއާއެކު މި ޕްރޮގްރާމު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އޭގެ ފަހުންވެސް ޕްރޮގްރާމު ކުރިޔަށްގެންދިޔުމަށް ރާވާފައިވާކަމަށް ކުތުބުޚާނާއިން މަޢުލޫމާތުދެއްވައެވެ. މި ޕްރޮގްރާމާއެކު ކުދިންގެ ފަންނީ ހުނަރު އާލާކުރެވި ތަފާތު ނަޒަރިއްޔާތުތަކުން ވިސްނައިގެން ކަންކަމަށް ޙައްލު ހޯދަން ދަންނަ، އިޖާދީ މުޖުތަމަޢެއް ބިނާކުރެވޭނެކަމަށް ކުތުބުޚާނާއިން ޤަބޫލުކުރެއެވެ.