ދުނިޔެ

ރަޒާކްއާ ދެކޮޅަށް ވޯޓުނެގުމަށް އިދިކޮޅު ފަރާތްތަކުން ތައްޔާރުވަނީ


"1މެލޭޝިޔާ ޑިވެލޮޕްމެންޓް ބީއެޗްޑީ" ގެ
މައްސަލައިގައި ބޮޑުވަޒީރު ނަޖީބް ރަޒާކްގެ އިތުބާރުނެތް ކަމުގެ މައްސަލަ
އެގައުމުގެ މަޖިލީހަށް ވެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރާއި
އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އަލަށް އުފެއްދި އިދިކޮޅު އެލަޔަންސްގެ ލީޑަރު އަދި
މިހާރު ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަނބިކަނބަލުން
ވާން އަޒީޒާ ވާން އިސްމާއިލް ވިދާޅުވީ ބޮޑުވަޒީރުގެ އިތުބާރުނެތްކަމުގެ މައްސަލަ
މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، މިއީ ހުރިހާ
ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއީ އިދިކޮޅު ފަރާތްތަކުން މި މައްސަލައިގައި
ގުޅިގެން ހިންގާ ފުރަތަމަ މަސައްކަތެވެ. މަޖިލިހަށް މި މައްސަލަ ހުށަހެޅި ނަމަވެސް
މިފަދަ ވޯޓެއް ފަސޭހަކަމާއެކު ފާސްކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ގިނަ
ފަރާތްތަކުން ބުނެފައިވެ އެވެ. އަދި، މި މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް
މަޖިލީހުގެ ރިޔާސަތުން ނިންމުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ގިނަ ފަރާތްތަކުން
ބުނެފައިވެ އެވެ.

މެލޭޝިޔާގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އުފެއްދި
"1އެމްޑީބީ" ފަންޑަށް ލިބިފައިވާ ފައިސާގެ ތެރެއިން 700 މިލިއަން
އެމެރިކާ ޑޮލަރު ބޮޑުވަޒީރު ރަޒާކްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް
މެލޭޝިޔާގެ ގިނަ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ރަޒާކް ވަނީ ފަންޑަށް
ލިބިފައިވާ ފައިސާގެ އެއްވެސް މިންވަރެއް ނަހަމަގޮތުގައި ބޭނުންކުރައްވާފައި
ނުވާނޭ ކަމަށް ވިދާޅުވެފައެވެ.

މެލޭޝިޔާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައި
ވަނީ މި ފައިސާއަކީ މެދުއިރުމަތީގެ ގައުމުތަކުން ލިބިފައިވާ ފައިސާ ކަމަށެވެ.
އަދި، މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އަލަށް އެކުލަވާލާފައިވާ ޕަބްލިކް
އެކައުންޓްސް ކޮމިޓީގެ ލީޑަރު ހަސަން އަރީފީން ވަނީ ވިދާޅުވެފައެވެ.

މަޖިލިހުން "1އެމްޑީބީ" ފަންޑާއި ބެހޭ
ތަހުގީގެއް ފެށުމުން، ރަޒާކް ވަނީ މިދިޔަ ޖުލައި މަހު ކެބިނެޓްގެ މެންބަރުން
ބަދަލުކުރައްވާފަ އެވެ.