ޚަބަރު

ދެއްވަދޫ ކްލަސްޓަރ : ގއ.އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި


ދަރިވަރަކު ކޯވިޑްއަށް ޕޮޒިޓިވްވެގެން ގއ. ވިލިނގިލީގައި ހުންނަ އެއަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފިއެވެ.

ތައުލީމީ މަރުކަޒުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ އެސްކޫލްގެ ގްރޭޑް 12ގައި ތައުލީމް ހާސިލުކުރަމުންދާ، އެއަތޮޅު ދާންދޫގެ ދަރިވަރެއްކަމަށެވެ. އަދި މިދަރިވަރަކީ ދެއްވަދޫއިން ޕޮޒިޓިވްވި މީހުންނާ ދިމާވެފައިވާ ކުއްޖެއްކަމަށްވެސް ތައުލީމީ މަރުކަރުން މައުލޫމާތުދެއެވެ.

އޮފިޝަލް ވިދާޅުވީ، ދަރިވަރު ޕޮޒިޓިވްވިކަން އެނގުނީ އާދީއްތަދުވަހު ދަރިވަރު ސްކޫލަށް އައިރު އަލާމާތްތައް ހުރެގެން ޓެސްޓުކުރުމުންކަމަށެވެ. އަދި މިހާރު ދަރިވަރާއި ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތައުލީމީ މަރުކަޒުން މައުލޫމާތުދިން ގޮތުގައި ސްކޫލް ބަންދުކުރީ މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ލަފާގެ މަތިންނެވެ.

ކޯވިޑްގެ ކޭސްތަކެއް ފެނިގެން ގއ. ވިލިނގިއްޔާއި ގއ. ދާންދޫ މޮނިޓަރިންގއަށް މިއަދު ވަނީ ލާފައެވެ.

އެޗްއީއޯސީން ވިދާޅުވީ ގއ. ވިލިނގިއްޔާއި ގއ. ދާންދޫ މޮނިޓަރިންގއަށް ލާފައިވަނީ ގއ.ދެއްވަދޫގެ ކްލަސްޓަރއާ ގުޅޭ ކޭސްތަކެއް ފެނިގެންކަމަށެވެ. މިގޮތުން މިހާތަނަށް ދާންދޫއިން 2 މީހަކު ޕޮޒިޓިވްވެފައިވާއިރު ވިލިނގިލިން އެކަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން މަޢުލޫމާތުދެއްވައެވެ.

އަލަށް ކޭސްތައް ފެނުނު ރަށްތަކުގައިވެސް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތަކެއް ހުޅުމާލެއާއި، ލ. ގަމާއި ފޮނަދޫންވެސް ފެނިފައިވާއިރު، ގަމާއި ފޮނަދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.