ކުޅިވަރު

ޓޮޓްނަމް އާއި ފުލަމް ބައްދަލުކުރި މެޗް އެއްވަރު ވެގެން ނިމިއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ފުލަމް ބައްދަލުކުރިމެޗް އެއްވަރު ވެގެން ނިމިއްޖެއެވެ. ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ޖަހަދިނީ ސަރޖިއޯ ރެގުއިލޮން ނަގާދިން ހުރަހަކުން ޓޮޓްނަމްގެ ހެރީ ކޭންއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޓޮޓްނަމުން ލަނޑު ޖަހާނެ އިތުރު ފުރުސަތުތައްވެސް ތަނަވަސް ކުރިއެވެ. މިގޮތުން ސޮން ހެއުންގ މިން އަށް ލިބުނު ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ. މިމެޗްގައި ފުލަމްއިންވެސް ވާދަވެރި ކުޅުމެއް ދައްކާފައިވެއެވެ. މިމެޗްގައި ފުލަމްއިން އެއްވަރު ކުރި ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީ އިވާން ކަވަލޭރޯއެވެ.
މިމެޗް އެއްވަރު ވުމުން ޕޮއިންޓް ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލުމަށް ޓޮޓްނަމްއަށް ލިބުނު ފުރުސަތު މިވަނީ ބޭކާރުވެފައެވެ. ޓޮޓްނަމް މިހާރު އޮތީ ކުޅުނު 17 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ. އަދި ފުލަމް އޮތީ 16 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓްނަމްގެ ކޯޗު މޮރީނިއޯ ވަނީ ފުލަމްގެ ކީޕަރ މިމެޗްގައި ދެއްކި މޮޅު ކުޅުން ފާހަގަކޮށްފައެވެ. މިގޮތުން ފުލަމްގެ ކީޕަރ އަލްފަންސޯ އަރިއޯލާ ވަރަށް އުނދަގޫ ހަމަލާތަކެއް ދިފާއު ކޮށްފައިވާކަން މޮރީނިއޯ ފާހަގަކުރިއެވެ. އަދި މިކަހަލަ މެޗެއްގައި ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފުން ވަރަށް މުހިންމު ކަމަށާއި އޭނާގެ ޓީމަށް ރޭގެ މެޗްގައި އެކަން ނުކުރެވުނުކަން އޭނާ ފާހަގަކުރިއެވެ. މީގެއިތުރުން ޓޮޓްނަމް ކޮޅަށް ވަދެފައިވަނީ ވަނަނުދީ ހުއްޓުވޭވަރުގެ ލަނޑެއް ކަމަށްވެސް މޮރީނިއޯ ހާމަކުރިއެވެ. ފުލަމްގެ ކޯޗު ސްކޮޓް ޕާކަރ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ކުޅުންތެރިން ދައްކާފައިވަނީ ތައުރީފް ހައްގު ކުޅުމެއް ކަމަށެވެ. އަދި ކޮރޯނާ ވައިރަހުގެ ސަބަބުން ކުޅުމާ ދުރުގާ ތިބުމަށްފަހު އެންބުރި އައިސް ކުޅުނު ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ރޫހާމެދުވަރަށް ހިތްހަމަ ޖެހޭކަމަށްވެސް އޭނާ ހާމަކުރިއެވެ.