ޚަބަރު

ދެއްވަދޫ ކްލަސްޓަރ : ދާންދޫއާއި ވިލިނގިލިވެސް މޮނިޓަރިންގއަށް ލައިފި


ކޯވިޑްގެ ކޭސްތަކެއް ފެނިގެން ގއ. ވިލިނގިއްޔާއި ގއ. ދާންދޫ މޮނިޓަރިންގއަށް ލައިފިއެވެ.

އެޗްއީއޯސީން ވިދާޅުވީ ގއ. ވިލިނގިއްޔާއި ގއ. ދާންދޫ މޮނިޓަރިންގއަށް ލާފައިވަނީ ގއ.ދެއްވަދޫގެ ކްލަސްޓަރއާ ގުޅޭ ކޭސްތަކެއް ފެނިގެންކަމަށެވެ. މިގޮތުން މިހާތަނަށް ދާންދޫއިން 2 މީހަކު ޕޮޒިޓިވްވެފައިވާއިރު ވިލިނގިލިން އެކަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން މަޢުލޫމާތުދެއްވައެވެ.

އަލަށް ކޭސްތައް ފެނުނު ރަށްތަކުގައިވެސް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތަކެއް ހުޅުމާލެއާއި، ލ. ގަމާއި ފޮނަދޫންވެސް ފެނިފައިވާއިރު، ގަމާއި ފޮނަދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ދެއްވަދޫން ކޯވިޑް-19ގެ ކޭސްތައް ފުރަތަމަ ފެނިފައިވަނީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުކަމަށާއި، އޭގެ ފަހުން މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން އިތުރު ކޭސްތަކެއް ފެނި އެރަށު ކްލަސްޓަރގެ ކޭސްތަކުގެ އަދަދުވަނީ 30 އަށްވުރެ ގިނަވެފައެވެ.