ކުޅިވަރު

ޖަރމަން ކަޕުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މުބާރާތުން ކަޓައިފި


ޖަރމަން ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް، ދެވަނަ ޑިވިޜަންގެ ހޯލްސްޓަން ކިއެލްއާ ބައްދަލުކުރިމެޗުން ބަލިވެ ބަޔާން މިމުބާރާތުން ކަޓައިފިއެވެ. މިމެޗް ކިއެލް ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 6 ލަނޑު 5 ލަނޑުންނެވެ.

ކިއެލްގެ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހައިދިނީ ސަރޖޭ ގްނެބްރީއެވެ. ނަމަވެސް ކިއެލްގެ ފިން ބާޓެލްސް ވަނީ މެޗްގެ 37 ވަނަ މިނެޓްގައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗުގައި ބަޔާންއިން ދެވަނަ ފަހަރަށް ލީޑު ނެގީ ލިރޯއި ސާނޭ 47 ވަނަ މިނެޓްގައި ކާމިޔާބުކުރި ހިލޭ ޖެހުމަކުންނެވެ. މި ނަތީޖާގައި އޮވެ ބަޔާން މޮޅުވާން ދަނިކޮށް މެޗްގެ އިތުރުވަގުތުގެ ފަސްވަނަ މިނެޓްގައި ކިއެލްއަށް މެޗްގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްދިނީ ހައުކަރ ވާލްއެވެ.

މިމެޗްގެ ޕެނަލްޓީ ޝޫޓް އައުޓްގައި ދެޓީމުންވެސް ވަނީ ފުރަތަމަ ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ބަޔާންގެ ހަވަނަ ޕެނަލްޓީ ވަނީ ކިއެލްގެ ކީޕަރ ލޮއަނިސް ގެލީއޯސް މަތަކޮށްފައެވެ. އަދި ކިއެލް މިމެޗުން މޮޅު ކޮށްދިން ޕެނަލްޓީ ޖަހާދިނީ މިމެޗްގައި އެޓީމްގެ ފުރަތަމަ ލަނޑުވެސް ޖަހާދިން ބާޓެލްސްއެވެ.

މިއީ ޖަރމަން ކަޕްގައި 2004 ވަނަ އަހަރަށްފަހު ދަށް ޑިވިޜަނަކަށް ނިސްބަތްވާ ޓީމެއް އަތުން ބަޔާން ބަލި ފުރަތަމަ ފަހަރެވެ. އަދި ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި މިމުބާރާތުގެ ސެމީ ފައިނަލަށް ނުގޮސް ކެޓި ފުރަތަމަ ފަހަރުވެސްމެއެވެ. ކިއެލްއަކީ ޖަރުމަން ޗެމްޕިއަންކަން 1912 ވަނަ އަހަރު ހޯދާފައިވާ ޓީމެކެވެ. ނަމަވެސް މީހާރުގެ ފޯމެޓަށް ބުންޑަސްލީގާ ކުޅެން ފެށިފަހުން އެޓީމް ބުންޑަސްލީގާއާ ހަމައަށް އާދެވޭގޮތްވަނީ ނުވެފައެވެ.