ދުނިޔެ

ތާރީޚުގައި ދެވަނަ ފަހަރަށް އިމްޕީޗްކުރި ރައީސަކަށް ޓްރަމްޕް


އެމެރިކާގެ ރައީސް ޑޮނަލަޑް ޓްރަންޕު އެޤައުމުގެ ރައީސްކަމުން އަޒުލްކުރުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ފާސްކޮށްފިއެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު މަޤާމުން ދުރުކުރުމަށް ފެންނަކަމަށް ވޯޓު ދީފިއެވެ. މިއީ ރައީސް ޓްރަންޕު މަޤާމުން ދުރުކުރުމަށް ތިރިގެއިން ވޯޓު ދިން ދެވަނަ ފަހަރެވެ. މިއީ އެމެރިކާގެ ތާރީޚުގައިވެސް ރައީސްގެ މަޤާމުގައި ހުންނެވި ބޭފުޅަކު މަޤާމުން ދުރުކުރުމަށް ޤަނޫނު ހަދާ މަޖިލީހުން އެއް ދައުރެއްގައި ދެ ފަހަރަށް ވޯޓުދީފައިވާ ފަހަރެވެ.

އިދިކޮޅު ޑިމޮކްޜެޓުން އަޣުލަބިއްޔަތު އޮތް ހައުސްއިން ޓްރަންޕު ވެރިކަމުން އަޒުކުރަން ފާސްކުރީ ޓްރަންޕުގެ އަމިއްލަ ޕާޓީގެ 10 މެމްބަރުންގެ ތާއިދާވެސް އެކުއެވެ. މި ނިންމާއި އެއްކޮޅަށް ހައުންއިން 232 މެމްބަރުން ވޯޓް ދިނެވެ. އިދިކޮޅަށް ވޯޓް ދިނީ 197 މެމްބަރުންނެވެ. ވަކިކޮޅަކަށް4 މެމްބަރުން ވޯޓް ނުދެއެވެ.

ޓްރަންޕު ވެރިކަމުން އަޒުލްކުރުމަށް ހައުސްގައި މިފަހަރު ވޯޓް ނަގާފައިމިވަނީ މިމަހުގެ 6 ވަނަދުވަހު ޓްރަންޕަށް ތާއިދުކުރާ ސަޕޯޓަރުން ކޮންގްރެސް އިމާރާތައް ވެދެ އިނގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ. ފުލުހެއް ހިމެނޭ ގޮތަށް ފަސްމީހުން މަރުވެ ކޮންގްރެސްއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު މި ހަމަނުޖެހުން ހިގުމަށް ހިތްވަރުލިބޭ ގޮތަށް ޓްރަންޕު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޓްރަންޕުގެ ސަޕޯޓަރުން އެގޮތަށް ޢަމަލުކޮށްފައިވަނީ ނޮވެމްބަރު 3ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާއި މެދު އޮތް ހިތްހަމަނުޖެހުން ކެޕިޓޮލް އިމާރާތް ދޮށަށް އެއްވެ ފައުޅުކުރުމަށް ރައީސް ޓްރަންޕު ހިތްވަރުދެއްވުމުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ޓްރަންޕު މަގާމުން އަޒުލުކުރުމަށް ފާސްކުރި ނަމަވެސް ޓްރަންޕު މަޤާމުން ވަކިކުރެވޭނީ ސެނެޓުގެ ތިން ބައިކުޅަ ދެބައިގެ އަގުލައްބިއްޔަތުން ފާސްކޮށްގެންނެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ސެނެޓް މިވަގުތު އޮތީ ޗުއްޓީގައެވެ. ރައީސް ޓްރަންޕުގެ ރިޔާސީ ދައުރު ހަމަވުމަށް އެންމެ ހަ ދުވަހަށް ވެފައިވާއިރު މަޖިލީހުގެ މަތިގެ ޗުއްޓީގައި އޮތުމުން ދައުރު ހަމަވުމުގެ ކުރިން ޓްރަންޕު ރައީސްކަމުން ވަކިވެވަޑާ ގަންނަވާކަށް ނުޖެހޭނެއެވެ. ޤާނޫނުހަދާ މަޖިލީހުގެ މަތިގޭގެ މެޖޯރިޓީ ލީޑަރު، ރިޕަބްލިކަނުންގެ މިޗް މިކްކޮނެލްވަނީ ޓްރަންޕު މަޤާމުން ދުރުކުރުމުގެ ޝަރީޢަތް އަވަސްކުރަން ޑިމޮކްރަޓުން ގޮވާލެއްވުމުން އެކަމަށް ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި ޤައުމުގެ ވެރިކަމާއި އިންތިޚާބީ ރައީސް ޖޯ ބައިޑަން ޙާވާލުވެވަޑައިގަތުމުގެ ކުރިން ޝަރީޢަތް ނިންމުމުގެ ފުރުޞަތެއް ނެތްކަމަށެވެ. ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ އަލުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19ވަނަ ދުވަހުގައެވެ.

ދައުރު ހަމަވަންދެން ރިޔާސީ އިދާރާ ވައިޓު ހައުސްގައި ޓްރަންޕު ހުންނެވި ނަމަވެސް މަޤާމުން ދުރުކުރުމަށް މަތިގެއަށް ފެންނަކަމަށް ނިންމައިފިނަމަ ދެން ޓްރަންޕަށް ރައީސްކަމަށް ވާދަކުރުމަށް ހުރަސްއެޅުން އެކަށީގެންވެއެވެ. ޓްރަންޕުގެ ކުށެއްވާކަމަށް ނިންމުމަށް ބޭނުންވަނީ ސެނެޓުގައި ތިއްބަވާ 100 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ ވޯޓެވެ. އެގޮތަށް ސެނެޓުން ވޯޓު ދީފިނަމަ، އިތުރު ދައުރަކަށް ޓްރަންޕަށް ރައީސްކަމަށް ނާދެވޭ ގޮތަށް ހެދުމަށް ވޯޓަށް ހުށަހަޅައިފިނަމަ އެކަން ފާސްކުރުމަށް ބޭނުންވާނީ 51 މެންބަރުންގެ ވޯޓެވެ.

މިކްކޮނެލް ވިދާޅުވީ ބައިޑަން ވެރިކަމާއި ޙަވާލުވެވަޑައިގަތުމުންވެސް ޓްރަންޕުގެ ޝަރީޢަތުގެ ކަންކަން ކުރިއަށްދާނެކަމަށެވެ. އެނގިފައިވާ ގޮތުގައި މިކްކޮނެލް ހުންނެވީ ކެޕިޓޮލްގައި ހިންގި ހާދިސާއާއި ގުޅިގެން ޓްރަންޕާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެންފައެވެ. ޤަނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ޓްރަންޕާއި ގުޅޭ ގޮތުން ނަގާ ވޯޓުގައި ވޯޓު ދެއްވާނެ ގޮތެއް އަދި ނިންމަވާފައި ނުވާކަމަށް ރިޕަބްލިކަން މެންބަރުންނަށް ފޮނުއްވާފައިވާ މެމޯއެއްގައި މިކްކޮނެލް ވަނީ ވިދާޅުވެފައެވެ. ރައީސްކަމާއި ބައިޑަން ޙަވާލުވެވަޑައިގަތުމުން ކުޑަ ފަރަގަކާއިއެކު މަތިގޭގެ އަޣުލަބިއްޔަތު އޮންނާނީ ޑިމޮކްރަޓުންގެ އަތުގައެވެ. ނަމަވެސް ރައީސް ޓްރަންޕާއި ދެކޮޅަށް ވޯޓު ދޭނީ ރިޕަބްލިކަނުންގެ ކިތައް މެންބަރުންކަން ބުނަން ނޭނގޭތީ، ޓްރަންޕު ކުށްވެރިވެފައިވާކަމަށް ނިންމުމަށް ބޭނުންވާ ތިންބައިކުޅަ ދެބައި ވޯޓު ލިބޭނެކަން މިހާތަނަށް ސާފެއް ނުވެއެވެ

ޓްރަންޕާއި ދެކޮޅަށް ސެނެޓަށް ހުށައެޅުން ޓްރަންޕުގެ ފުރަތަމަ އިމްޕީޗްމަންޓް މައްސަލަވެސް ނިމުނީ އެކާސްވިށް ދުވަހުންނެވެ. އެފަހަރު ސެނެޓުން ނިންމީ ޓްރަންޕު މަޤާމުން އަޒުލު ނުކުރާށެވެ. އެފަހަރު ޓްރަންޕު އާއި ދެކޮޅަށް މައްސަލައެއް ހުށައެޅުނީ ވެރިކަމުގެ ދެވަނ ދައުރެއް ކާމިޔާބު ކުރެއްވުމަށް ޔޫކްރެއިންގެ އެހީ ހޯއްދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ޓްރަންޕު ކުށްވެރިވާކަމަށް ސެނެޓުން ޓްރަންޕުގެ ދައުރު ނިމޭ ފަހުން ނިންމި ނަމަވެސް ދެން ޓަރންޕަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް ފާސްކުރުމުގެ ބާރު ލިބޭނެއެވެ. އަދި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ނުލިބޭ ގޮތަށް ކަނޑައެޅުމުގެ ބާރުވެސް ލިބޭނެއެވެ.

މީގެ ކުރިން އެމެރިކާގެ އެއްވެސް ރައީސަކު މަޖިލީސް މެދުވެރިކޮށް މަޤާމުން ދުރުކޮށްފައެއް ނުވެއެވެ. ނަމަވެސް ތިން ރައީސަކު މަޤާމުން ދުރުކުރުމަށް ފެންނަކަމަށް ޤަނޫނު ހަދާ މަޖިލީހުގެ ތިރިގެއިން މީގެ ކުރިންވަނީ ނިންމާފައެވެ. އެގޮތުން 2019ވަނަ އަހަރުގައިވެސް ރައީސް ޓްރަންޕު މަޤާމުން ދުރުކުރުމަށް ފެންނަކަމަށް ތިރިގެއިންވަނީ ވޯޓު ދީފައެވެ. އޭގެ އިތުރުން 1998ވަނަ އަހަރުގައި ކުރީގެ ރައީސް ބިލް ކްލިންޓަން އަދި 1868ވަނަ އަހަރުގައި ރައީސް އެންޑްރޫ ޖޯންސަން މަޤާމުން ދުރުކުރުމަށް ފެންނަކަމަށް ތިރިގެއިންވަނީ ވޯޓު ދީފައެވެ. ނަމަވެސް އެ ބޭފުޅުން މަޤާމުން ދުރުކުރަން ނުޖެހޭކަމަށް މަތިގެއިން ނިންމުމުން އެ ބޭފުޅުން ވެރިކަމުގައި ދެމިތިބުމަށް މަގުފަހިވުއެވެ.