ޚަބަރު

ޑރ.މުޢިއްޒުގެ އާދޭހާއެކު އެތައް ބަޔެއްގެ ފާޑުކިއުން


ގުޅިފަޅު މާލޭގެ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ޚާއްސަކުރުމަށް އެދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުޙަންމަދު މުޢިއްޒު ސަރުކާރަށް އާދޭސް ދެންނެވުމާއެކު ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ.

މިއަދު ޑރ.މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ގުޅި ފަޅަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަ މަންޒިލަކަށް ހެދުމަށް އަދިވެސް ލަސް ނުވާކަމަށާ، ސަރުކާރުން ބޭނުންވާނަމަ، ގުޅިފަޅުގައި ހަދަން ހަމަޖެހިފައިވާ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް ގުޅިފަޅު މާލޭ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ޚާއްސަ ކުރެވިދާނެކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްދެއްވުންއެދި ސަރުކާރަށް އާދޭސް ދަންނަވާކަމަށެވެ.

ޑރ.މުއިއްޒުގެ މިޓްވިޓާ ގުޅިގެން ފާޑުކިޔާފައިވާ މީހުން ބުނީ 7 ވަރަކަށް އަހަރުދުވަސް ވަންދެން މެދުކެނޑުމެއްނެތި ރާއްޖޭގެ ހައިސިން މިނިސްޓަރުކަން ކުރެއްވިއިރު، ޑރ.މުޢިއްޒު މިބާވަތުގެ ކަމެއްގެ ވާހަކަ ފުވިދާޅުނުވީ ކީއްވެގެންތޯ ސުވާލު އުފެދޭކަމަށެވެ. އަނެއްބަޔަކު ބުނީ މިހާރު ޑރ.މުއިއްޒު އެއުޅުއްވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ރައްޔިތުންގެ ވޯޓު ލިބިވަޑައިގަނޭތޯ ކަމަށެވެ. އަދި މިހާރު އެދައްކަވާ ވާހަކަފުޅުގެ އެއްވެސް އިޚްލާސްތެރިކަމެއް އޮތްކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ.

ގިނަ ދުވަސްތަކެއްވަންދެން ޑރ.މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު، މަލޭގެ ބޯހިޔާވަހިކަމާއި، މުނިސިޕަލް ޚިދުމަތްތަކުގެތެރެއިންވެސް ގިނަކަންކަން އޮތީ ހައުސިން މިނިސްޓްރީގެ ދަށުގައިކަން ގިނަބަޔަކު ފާހަގަކޮށްފައިވެއެވެ.

ހުރިހާ ބާރަކާއެކު ހުންނެވިއިރު، ހުޅުމާލެ ދެވަނަ ފިޔަވައްސާއި، މާލެ ކައިރީގައި ފަތުރުވެރިކަމަށް ތަރައްޤީކުރި އެނބޫދޫ ފިނޮޅުފަދަ މަޝްރޫތައް އޭރުގެ ސަރުކާރުން ހިންގެވިއިރުވެސް، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤުގެ ވާހަކަ ޑރ.މުޢިއްޒު ވިދާޅުނުވާކަން ގިނަބަޔަކު ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރަން ފެށި ހިޔާ ފްލެޓްތައްވެސް ފެށުނީ ވެރިކަމުގެ ދައުރު ނިމެން އުޅެނިކޮށްކަމަށާ، އެމަޝްރޫޢުގައި ހުރި މައްސަލަތަކާއި ރައްޔިތުންނަށް އެތަން ބޭނުންކުރުމަށް ހުރި މައްސަލަތަކަށް ބަލާއިރު އެވެސް ޑރ.މުޢިއްޒުގެ ވަޒީރުގައި އިޚްލާސްތެރިކަމެއް ނެތި ކުރެއްވި ކަމެއްގެގޮތުގައި ފާޑުކިޔާ ފަރާތްތަކުން ސިފަކޮށްފައިވެއެވެ.