ޚަބަރު

ކުވައިތުގެ ވަޒީރުންގެ މަޖިލިސް އިސްތިއުފާދެއްވަން ހުށަހަޅުއްވައިފި


ކުވައިތުގެ ބޮޑުވަޒީރު ޞަބާޙް އަލްޚާލިދު ޞަބާޙުގެ ވަޒީރުންގެ މަޖިލިސް އިސްތިއުފާދެއްވަން އެޤައުމުގެ އަމީރު ޝެއިޚު ނަވާފް އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙަށް ފޮނުއްވައިފިއެވެ.

ވަޒީރުންގެ މަޖިލިސް އިސްތިޢުފާދެއްވަން އެޤައުމުގެ އަމީރު ޝެއިޚު ނަވާފް އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙަށް ފޮނުއްވާފައިވަނީ އެމަޖިލީހަށް ބޭފުޅުން ހަމަޖައްސަވާފައިވާ ގޮތާ ގުޅޭގޮތުންނާއި އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން އެ ޤައުމުގެ ޤަނޫނުހަދާ މަޖިލީހުން ބޮޑުވަޒީރާ ސުވާލު ކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ސަރުކާރާއި ޤާނޫނުހަދާ މަޖިލީހާ ދެމެދު ދެބަސްވުންތަކެއް އުފެދި ޙާލަތު ނުތަނަވަސްވެފައި މިވަނީ ވަޒީރުންގެ މަޖިލީސް އެކުލަވާލިތާ އެއް މަސް ދުވަސްވެސް ނުވަނީހެވެ. މިއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުވައިތުގެ އަމީރުކަމާ ޙަވާލުވެވަޑައިގެންނެވި ޝެއިޚު ނަވާފުގެ ވެރިކަމުގައި ކުރިމަތިވާ ފުރަތަމަ ބޮޑު ގޮންޖެހުމެވެ. ސަރުކާރާއި ވަޒީރުންގެ މަޖިލީހާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ތެލުގެ ވިޔަފާރިކުރާ ކުވައިތަށް، ތެލުގެ އަގު ދަށްވުމާއި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތަށްދަނީ ހުރަސް އެޅެމުންނެވެ.

2019ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން ކުވައިތުގެ ބޮޑުވަޒީރުކަން ކުރައްވަމުންދާ ޝައިޚު ޞަބާޙާ ސުވާލުކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ ތިން މެންބަރަކު ހުށަހަޅުއްވާފައިވަނީ ޖަނަވަރީ މަހުގެ 5ވަނަ ދުވަހުގައެވެ. 50 މެންބަރުން ހިމެނޭ ޤާނޫނުހަދާ މަޖިލީހުގެ 30އަށްވުރެ ގިނަ މެންބަރުންވަނީ ބޮޑުވަޒީރަށް ސުވާލުކުރުމަށް ހުށަހެޅި ހުށަހެޅުމަށް ތާޢީދު ކުރައްވާފައެވެ.