ޚަބަރު

މޫސުން ގޯސްވެ ރާޅު ބޮޑުވުމުން ބޯޓުގެ ބައިތައް ހޯދުން ހުއްޓާލައިފި


ވެއްޓުނު އިންޑޮނޭޝިޔާގެ މަތިންދާބޯޓުގެ ޕައިލެޓުންގެ ވާހަކަތައް ރެކޯޑްވި ކަޅުފޮށި ހޯދުމަށް ކުރަމުންދާ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި މަސައްކަތުގައި ގިނަ އަދަދެއްގެ ޑައިވަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބޯޓުގެ ދެވަނަ ކަޅުފޮށި ހޯދުމުގެ މަސައްކަތް ހުއްޓާލާފައި މިވަނީ މޫސުން ގޯސްވެ ކަނޑު ރާޅު 2.5 މީޓަރަށް އުސްވެ މަސައްކަތަށް ހުރަސްއެޅުމުންނެވެ.

62 ފަސިންޖަރުން ގޮވައިގެން ސްރީވިޖަޔާ އެއާގެ އެސްޖޭ 182 ބޯޓު އިންޑިނޭޝިޔާގެ ޕޮންޓިއަކަށް ދަތުރުކުރުމަށް ޖަކާޓާ އެއާޕޯޓުން ނައްޓާލާފައިވަނީ ހޮނިހިރު ދުވަހުގެ ޖީއެމްޓީ ގަޑިން 7:36 ގައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ބޯޓާއި ގުޅުން ކެނޑުނުއިރު ބޯޓު ދަތުރުކުރަމުން ދިޔައީ 29،000 ފޫޓު މަތިންނެވެ. ބޯޓާއި ގުޅުން ކެނޑުނުތާ މިނެޓެއްގެ ތެރޭގައި ބޯޓުގެ ދަތުރުކުރަމުންދިޔަ އުސްމިނުން 10،000 ފޫޓް ތިރިއަށް ވެއްޓުނުކަން ފްލައިޓް ރާޑާ 24 އެޕަށްވަނީ ރެކޯޑްކުރެވިފައެވެ.

ބޯޓުގައި ހުންނަ ދެ ކަޅު ފޮށި ތެރެއިން އެއް ފޮށި މިހާރު ވަނީ ފެނިފައެވެ. ޑައިވަރުން މިހާރު ހޯދަމުން ދަނީ ކޮކުޕިޓު ތެރޭގައި ދެކެވޭ ވާހަކަތަކާއި އަޑުތައް ރެކޯޑުކުރާ ވޮއިސް ރެކޯޑަރެވެ. މި ރެކޯޑަރު ފެނުމުން ބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށް ޤަބޫލުކުރެވެއެވެ.

އިންޑޮނޭޝިޔާގެ ކަނޑުގެ ސިފައިންގެ އިސް ވެރިއެއްކަމަށްވާ އަބްދުލް ރަޝީދު ވިދާޅުވީ ކަނޑުއަޑީގައި ވޮއިސް ރެކޯޑަރު ވަޅުލެވިފައިވާ ސަރަޙައްދު ރެމޯޓު އުޅަނދެއްކަމަށްވާ އާރުއޯވީއެއް ބޭނުންކޮށްގެން ހޯދުމަށް މަސައްކަތްކުރާނެކަމަށެވެ. ނަމަވެސް އެ ރެކޯޑަރުން ދެމުންދިޔަ ސިގުނަލުތައް މިހާރު ނުލިބޭތީ ރެކޯޑަރު ހޯދުމުގެ މަސައްތަކަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އާރުއޯވީ ބޭނުންކޮށްގެން ރެކޯޑަރު އޮތް ސަރަޙައްދު ޔަޤީންކުރުމަށްފަހު މާދަމާގެ ވަގުތެއްގައި އެ ސަރަޙައްދަށް ޑައިވަރުން އަލުން ފޮނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބޯޓު ވެއްޓުނު ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދިޔަ ޑައިވަރުންނަށްވަނީ ބުދަ ދުވަހު ބޯޓުގެ އިތުރު ބައިތަކާއި ކުނިބުނިތައް ފެނިފައެއެވެ. އޭގެ ތެރޭގައި މަތިންދާބޯޓުން ދަތުރުކުރި ފަސިންޖަރެއްގެ އައިޑީ ކާޑުވެސް ހިމެނެއެވެ.