ޚަބަރު

ޓްރަމްޕު މަޤާމުން ދުރުކުރުމަކަށް ނޭދެން: ނައިބު ރައީސް ޕެންސް


އެމެރިކާގެ ޤާނޫނުއަސާސީއަށް ގެނެސްފައިވާ 25ވަނަ އިސްލާހުގެ ދަށުން އެމެރިކާގެ ރައީސްކަމުގައި މިވަގުތު ހުންނެވި ޑޮނަލްޑް ޓްރަމްޕު މަޤާމުން ދުރުކުރުމަށް ނޭދޭކަމަށް އެޤައުމުގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ޕެންސް އެގޮތަށް ވިދާޅުވީ އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސާ، ނޭންސީ ޕެލޯސީއަށް ފޮނުއްވި ސިޓީއެއްގައެވެ.

މިދިޔަ ހަފުތާގައި ރައީސް ޓްރަމްޕަށް ވާގިވެރިވާ ގިނަ ޢަދަދެއްގެ މީހުންވަނީ އެމެރިކާގެ ޤާނޫނުހަދާ މަޖިލީސް ހިންގާ ކެޕިޓޮލް އިމާރާތަށް ވަދެ، އެތަނުގައި ހަމަނުޖެހުން އުފައްދައިފައެވެ. އެ ހާދިޘާގައި ފުލުހަކު ހިމެނޭގޮތަށް ފަސް މީހުންވަނީ މަރުވެފައެވެ. ޓްރަމްޕަށް ވާގިވެރިވާ މީހުން އެ އިމާރާތުގައި ހަމަނުޖެހުން އުފައްދާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގައި އެ ޤައުމުގައި ބޭއްވި ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ރައީސް ޓްރަމްޕު ކުރައްވާ ތުހުމަތުތައް ތަކުރާރުކުރައްވާ، އިންތިޚާބު ކާމިޔާބުކުރެއްވީ ޖޯ ބައިޑަންކަމަށް ޤާނޫނުހަދާ މަޖިލީހުން ކަށަވަރުކުރާ ވަގުތު ނަތީޖާއާއިމެދު އޮތް ހިތްހަމަނުޖެހުން ފައުޅުކުރުމަށް އެ އިމާރާތްދޮށަށް އެއްވުމަށް ރައީސް ޓްރަމްޕު ގޮވާލެއްވުމުންނެވެ.

އިދިކޮޅު ޑިމޮކްރަޓުންދަނީ ކެޕިޓޮލްގައި ހިނގި ހާދިޘާއާއި ގުޅިގެން ރައީސް ޓްރަމްޕު މަޤާމުން ދުރުކުރުމަށް މަސައްކަތްކުރަމުންނެވެ. ޤާނޫނުއަސާސީއަށް ގެނެސްފައިވާ 25ވަނަ އިސްލާހުގެ ދަށުން ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ރައީސްކަމުގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭ ޙާލަތެއްގައި ޤައުމުގެ ނައިބު ރައީސަށް ރައީސްކަމުގެ މަޤާމާއި ޙަވާލުވެވޭނެއެވެ. ނަމަވެސް އެ މާއްދާގެ ދަށުން ރައީސް މަޤާމުން ދުރުކުރެވޭނީ ޤައުމުގެ ނައިބު ރައީސާއި ވަޒީރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ރައީސްކަމުގެ މަޤާމުގައި ޓްރަމްޕު ދެމިހުންނެވުމަށް އެކަށީގެން ނުވާކަމަށް އިޢުލާނުކުރުމުންނެވެ. އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިންވަނީ 25ވަނަ އިސްލާހުގެ ދަށުން ރައީސް މަޤާމުން ދުރުކުރުމުގެ މަސައްކަތް ފެއްޓެވުމަށް ޕެންސަށް ބާރު އަޅައިފައެވެ.

އެކަމާއިގުޅޭ ގޮތުން ނައިބު ރައީސް ޕެންސު ވިދާޅުވީ 25ވަނަ އިސްލާހުގެ ދަށުން ރައީސް މަޤާމުން ދުރުކުރުމަކީ ޤައުމުގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުނުކުރައްވާކަމަށާއި ޤައުމުގެ ޤާނޫނުއަސާސީއިން ޖާގަދޭ ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ އިސްކަންދެނީ ސުލްހަވެރިކަމާއިއެކު ވެރިކަން ބަދަލުވުމުގެ ކަންކަން ކުރިއަށް ގެންދިޔުންކަމަށެވެ. ޕެންސްވަނީ ބައިބައިވުން އިތުރުވެ ޙާލަތު އިތުރަށް ގޯސްވާފަދަ ގޮތަކަށް ޢަމަލު ނުކުރުމަށް ޕެލޯސީއަށް ގޮވައިލައްވައިފައެވެ. އެމެރިކާގެ އައު ރައީސްގެ ގޮތުގައި ޖޯ ބައިޑަން ހުވައިކުރެއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ޤައުމު އެއްބައިވަންތަކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރެއްވުމަށްވެސް ޕެންސު ގޮވައިލެއްވިއެވެ.