ދުނިޔެ

ސޫރިޔާއަށް ފުރާ ކުދިންގެ ޕާސްޕޯޓު ހިފެހެއްޓޭނެ: އިނގިރޭސިވިލާތް

ސޫރިޔާއާ އިރާގުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް މަސައްކަތްކުރާ ކުދިންގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދެވޭ ގޮތަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމައިފި އެވެ. މި ނިންމުން މާދަމާގެ ވަގުތެއްގައި އިއުލާންކުރާނޭ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފައިވެ އެވެ. މި ނިންމުމުގެ ސަބަބުން، އުމުރުން 17 އަހަރުން ދަށުގެ ކުދިން ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކާއި ގުޅި، ގައުމުން ބޭރަށް ދިޔުމަށް މަސައްކަތް ކުރާކަމަށް އެކުދިންގެ އާއިލާތަކަށް ޝައްކުވާ ހާލަތުގައި ސަރުކާރުގައި އެދިގެން އެކުދިންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވީ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވުމަކީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި، މި ނިންމުމުގެ ސަބަބުން ހައްދުފަހަނަ އަޅާފައިވާ ވިސްނުންތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ކުޑަކުދިންނާއި ޒުވާނުން އެކަމުން ސަލާމަތްކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އިނގިރޭސި ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި 338 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި މީގެ ތެރެއިން 157 މީހުންނަކީ ސޫރިޔާއަށް ދިޔުމަށް މަސައްކަތް ކުރި މީހުންކަމަށެވެ. މި 157 މީހުންގެ ތެރެއިން 56 މީހުންނަކީ އުމުރުން 20 އަހަރުން ދަށުގެ މީހުން ކަމަށްވެސް ސަރުކާރުން ފާހަގަ ކުރެ އެވެ. ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން އެގައުމުގެ ގިނަ ޖަމާއަތްތަކުން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ. އެގޮތުން، މުސްލިމް ކައުންސިލް އޮފް ބްރިޓެއިން (އެމްސީބީ) އިން ބުނާ ގޮތުގައި ސަރުކާރުގެ ނިންމުމުގެ ސަބަބުން ޝައްކުގެ މައްޗަށް ބިނާކޮށް ގިނަ ބައެއްގެ މައްޗަށް ތުހުމަތުކުރެވޭނެ ކަމަށެވެ. އަދި، އިގިރޭސިވިލާތުގެ މުސްލިމުންނާއި މެދު ތަފާތު ކުރުންތައް އިތުރުވެ، ހަމަނުޖެހުން އިތުރުވުމުގެ ފުރުސަތު އިތުރުވުން އެކަށީގެންވާ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެ އެވެ. މީގެ އިތުރުން، އެފަދަ ފިޔަވަޅެއްގެ ސަބަބުން އިތުރަށް ހައްދުފަހަނައެޅުން އެކަށީގެންވާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.