ޚަބަރު

މިޞްރުގެ ވައިގެ ސަރަޙައްދު ޤަތަރަށް ހުޅުވާލައިފި


މިޞްރުގެ ވައިގެ ސަރަޙައްދު ޤަތަރަށް ހުޅުވާލައި، ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އަލުން ފެށުމުގެ ހުއްދަ ދޭނެކަމަށް އެ ޤައުމުން ދީފިއެވެ.

ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެއާއިއެކު އެ ޤައުމުތަކުން ޤަތަރާއިއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައްވެސް ބަންދުކުރިއެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް އެ ޤައުމާއި ދެކޮޅަށް ކުރާ ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ. މިޞްރުގެ ވައިގެ ސަރަޙައްދު ޤަތަރަށް ހުޅުވައިލުމަށް ނިންމާފައި މިވަނީ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަހުރައިނާއި މިޞްރުން ޤަތަރާއި ދެކޮޅަށް ޢަމަލުކުރަމުންދާ ބޯއިކޮޓު ނިމުމަކަށް ގެނައުމަށް ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ.

މިޞްރުގެ ވައިގެ ސަރަޙައްދު ޤަތަރަށް ހުޅުވައިލުމާއިއެކު ޤަތަރުގެ ފުލައިޓުތަކަށް ދެން އެ ސަރަޙައްދު ހުރަސްކުރެވޭނެއެވެ. އަދި ދެ ޤައުމުގެ ޤައުމީ އެއާލައިނުތަކަށް ދެ ޤައުމުގެ ދެމެދުގައި ތާވަލް ދަތުރުތައް ކުރާނެ ގޮތުގެ ޝެޑިއުލް ފާސްކުރުމަށް ހުށަހެޅޭނެއެވެ.

މިޞްރުގެ ވައިގެ ދަތުރުފަތުރާއިބެހޭ ވުޒާރާއިން ބުނީ އީޖިޕްޓްއެއާއިން ވެރިކަންކުރާ ސިޓީ ކައިރޯއިން ދައުހާއަށް ހަފުތާގެ ހުރިހާ ދުވަހެއްގައި ދަތުރެއް ކުރުމަށް ރާވަމުންދާކަމަށެވެ. އަދި ތަރުހީބު ލިބޭ މިންވަރުން ފުލައިޓު އިތުރުކުރުން އެކަށީގެންވާކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. އެ އެއާލައިނުގެ ޗެއާމަން ވިދާޅުވީ ޖަނަވަރީ މަހުގެ 18ވަނަ ދުވަހުން ފެށިގެން ދަތުރުތައް ފެށުމަށް އުންމީދުކުރައްވާކަމަށެވެ. ކައިރޯއާއި ދައުހާއާއި ދެމެދު ކޮންމެ ދުވަކު ކުރާ ދަތުރުގެ އިތުރުން މިޞްރުގެ އެލެކްސެންޑްރިއާއިން ދައުހާއަށް ހަފުތާއަކު ހަތަރު ދަތުރު ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭނުންވާ ޙުއްދަތައް ލިބުމުން ޖަނަވަރީ މަހުގެ 15ވަނަ ދުވަހުން ފެށިގެން ޤަތަރުގެ ޤަތަރު އެއާވޭސްއިން މިޞްރަށް ދަތުރުތައް ފަށާނެކަމަށް ބައެއް މަސްދަރުތަކުން ބުންޏެވެ.