ޚަބަރު

ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައިފި


ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އިލްތިމާސްކުރައްވައިފިއެވެ.

އެމްއެންޑީއެފްއިން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައިވާއިރު، ހއ.އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގެ ރަށްތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދެވުމަށް އިލްތިމާސްކުރައްވާކަމަށެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް އެންގުމާއި ލައިފްޖެކެޓާއި މުވާޞަލާތީ ނިޒާމުތަކާއި ދިޔަ ހިއްކާ ވަޞީލަތްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ދަތުރު ނުކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުތަކުގެ ވެރިފަރާތްތަކުން އުޅަނދުތައް ބެލެހެއްޓުމަށްވެސް އިލްތިމާސްކުރެއްވިއެވެ. ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ޙާދިސާއެއް ހިނގައިފިނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރ 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފްއިން އެދިލައްވައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވިދާޅުވީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.