ކުޅިވަރު

ވުލްވަރހެމްޓަން ވޮންޑަރަރސް އާއި އެވަޓަން ބައްދަލުކުރިމެޗް އެވަޓަން ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވުލްވަރހެމްޓަން ވޮންޑަރަރސް އާއި އެވަޓަން ބައްދަލުކުރިމެޗް އެވަޓަން ކަމިޔާބު ކޮށްފިއެވެ. ވުލްވަރހެމްޓަންގެ ދަނޑުގައި ކުޅުނު މިމެޗް އެވަޓަން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗްގެ 6 ވަނަ މިނެޓްގައި އެލެކްސް އިވޯބީ ޖަހާދިން ލަނޑުން އެވަޓަންއެވެ. ނަމަވެސް މިލަނޑު ޖެހިތާ 8 މިނެޓް ފަހުން ވުލްވްސްގެ ރުބެން ނެވޭސް ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިމެޗުން އެވަޓަން މޮޅުވި ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި އަންޑްރޭ ގޯމޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ މައިކަލް ކީންއެވެ. މިއީ ރަށުން ބޭރުގައި ކުޅެ އެވަޓަން މިސީޒަންގައި މޮޅުވި ހަވަނަ މެޗެވެ.

މިކާމިޔާބީއާއެކު އެވަޓަންވަނީ ކުޅުނު 17 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވުލްވްސްވަނީ ކުޅުނު 18 މެޗުން ލިބިފައިވާ 22 ޕޮއިންޓައެކު ތާވަލްގެ 14 ވަނައަށް ފަހަތަށް ޖެހިލާފައެވެ. މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައިވާ ވުލްވްސްއަށް މިސީޒަންގައި އަދި އެޓީމްގެ މޮޅު ކުޅުން ދެއްކެމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗް ކާރލޯ އެންޗެލޯޓީ ބުނީ މިއީ އުނދަގޫ މެޗަކަށް ވާނެކަން ކުރިންވެސް އެނގޭ ކަމަށެވެ. އަދި ޓީމްގެ ފޯވަޑް ކެލްވަޓް ލުއިންއަށް އަނިޔާ ވެފައި ވުމުގެ ސަބަބުން މިމެޗްގައި ޓީމް ކުޅޭ ގޮތަށް ކުޑަކޮށް ބަދަލު ގެންނަން ޖެހުނު ކަމުގައި އޭނާ ހަމަކުރިއެވެ. ވުލްވްސްގެ ކޯޗް ނޫނޯ އެސްޕިރިޓޯ ސަންޓޯ ބުނީ މިމެޗްގެ ފުރަތަމަ ހާފްގައި އޭނާގެ ޓީމްގެ ފަރާތުން ރަގަޅު ކުޅުމެއް ފެނުނު ކަމަށާއި ނަމަވެސް ދެވަނަ ހާފްގައި ދެޓީމްގެ ފަރާތުންވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެއް ކަމަށެވެ. އަދި ޓީމްގެ ފޯމް މިހާރު ހުރިގޮތުން ކަންބޮޑު ވާކަމަށްވެސް ނޫނޯ ހާމަކުރިއެވެ.