ކުޅިވަރު

ފޯމިއުލަރ ވަން ކާރު ރޭހުގެ އާ ސީޒަންގެ ފެށުން ފަސްކޮށްފި


ފޯމިއުލަރ ވަން ކާރު ރޭހުގެ އާ ސީޒަންގެ ފެށުން ފަސްކޮށްފިއެވެ. ފޯމިއުލަރ ވަންއިން މިގޮތަށް ހަމަޖެއްސީ ކޮންމެ އަހަރެއްގެ ސީޒަން ހުޅުވާ ރޭސް ކަމަށްވާ އޮސްޓްރޭލިއަން ގްރޯން ޕްރީ ފަސްކުރަން ޖެހުމުންނެވެ. މީގެއިތުރުން ޗައިނީސް ގްރޯން ޕްރީވެސް ފަސްކޮށްފައިވާކަން މިހާރުވަނީ އިއުލާން ކޮށްފައެވެ.

ފޯމިއުލަރ ވަންއިން ހާމަކުރާގޮތުގައި މިއަހަރުގެ ސީޒަން މިހާރު ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗްމަހުގެ 26 އިން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ބަހްރެއިން ގްރޯން ޕްރީއިންނެވެ. މިއީ ސީޒަންގެ ދެވަނަ ރޭހެވެ. އޮސްޓްރޭލިއާ އާއި ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެރޭސް ފަސް ކުރަން ޖެހުނީ އެދެޤައުމަށް ދަތުރު ކުރާ ފަރާތްތަކަށް ތަންކޮޅެއް ވަރުގަދަ ގަވައިދުތަކެއް ހެދިފައިވާތީ ކަނޑައަޅާފައިވާ ތާރީހްތަކުގައި ރޭސްތައް ނުބޭއްވިދާނެކަމަށް ފެނުމުންނެވެ.

އޮސްޓްރޭލިއަން ގްރޯން ޕްރީ މިއަހަރުގެ މާރޗްމަހުގެ 19 އިން 21 އަށް ބޭއްވުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް މިހާރު ބޭއްވޭނީ ނޮވެމްބަރ މަހުގެ 19 އިން 21 އަށެވެ. އެފް ވަންގެ ރައީސް ސްޓެފާނޯ ޑޮމެނިކާލީ ހާމަކުރިގޮތުގައި ސީޒަންގެ ގިނަ ރޭސްތައް އަދިވެސް އޮތީ ކުރިންވެސް ކަނޑައަޅަފައިވާ ތާރީޚްތަކުގައި ކަމަށެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ސީޒަންގެ ދެވަނަ ރޭހެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އިޓާލިއަން ގްރޯން ޕްރީއެވެ. އެރޭސް ބޭއްވުމަށް މިހާރު ތާވަލްކޮށްފައިވަނީ އެޕްރީލްމަހުގެ 16 އިން 18 އަށެވެ. އަދި އެޕްރީލް މަހުގެ 9 އިން 11 އަށް ކުރިން ބޭއްވުމަށް ހަމަޖެހިފައިއޮތް ޗައިނީސް ގްރޯން ޕްރީގެ ރޭސް ދެން ބޭއްވޭނެ ތާރީހެއް ކަނޑައެޅުމަށްޓަކައި ޗައިނާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެފް ވަންއިން މަޢުލޫމާތުދެއެވެ.