ކުޅިވަރު

ބަރންލީ ބަލިކޮށް ތާވަލްގެ އެއްވަނައަށް މެންޗެސްޓަރ ޔުނައިޓެޑް


އިންގްލިޝް ޕްރިމިއަރ ލީގުގައި ބަރންލީ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް މެންޗެސްޓަރ ޔުނައިޓެޑް އަރައިފިއެވެ. ބަރންލީގެ ދަނޑުގައި ރޭ ކުޅުނު މިމެޗް މެންޗެސްޓަރ ކާމިޔާބުކުރީ އެއްލަނޑު ސުން ލަނޑުންނެވެ.

މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި މާކަސް ރަޝްފަޑް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޕޯލް ޕޮގްބާއެވެ. މެޗްގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދި މެންޗެސްޓަރއަށް މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިބި ބޭކާރުވިއެވެ. މިގޮތުން އެޑިންސަން ކަވާނީ އާއި ބްރޫނޯ ފެނާންޑޭސް އަދި އެންތަނީ މާޝަލްއަށް ލިބުނު ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ.
މިކާމިޔާބީއާއެކު މެންޗެސްޓަރއަށް ޕޮއިންޓް ތާވަލްގެ އެއްވަނަ ލިބެނީ ކުޅުނު 17 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކުއެވެ. އެންމެފަހުގެ ޗެމްޕިއަން އަދި ދެވަނައިގާވާ ލިވަޕޫލަށް ލިބިފައިވަނީ 17 މެޗުން 33 ޕޮއިންޓެވެ. އެހެންކަމުން މިވަގުތު މެންޗެސްޓަރ ޔުނައިޓެޑަށް 3 ޕޮއިންޓްގެ ލީޑެއްވަނީ ލިބިފައެވެ. މިއީ 2012 ވަނަ އަހަރުގެ ޑިސެމްބަރ މަހަށްފަހު އިންގްލިޝް ޕްރިމިއަރ ލީގުގެ ތާވަލްގެ އެއްވަނައަށް މެންޗެސްޓަރއަށް އެރުނު ފުރަތަމަ ފަހަރެވެ. އެއީ މެންޗެސްޓަރގެ ކޯޗުކަމުގައި ސަރ އެލެކްސް ފާރގަސަން ހޭދަކުރި ފަހު އަހަރެވެ. ފަރގަސަން ރިޓަޔަރ ކުރިފަހުން ސީޒަންގެ މިހާހިސާބުގައި މެންޗެސްޓަރއަށް ދެވަނަ މަގާމަށްވުރެ ކުރި ހޯދިފައެއް ނުވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މެންޗެސްޓަރގެ ކޯޗް އޮލޭ ގުނަރ ސޯލްޝަޔަރ ހާމަކުރިގޮތުގައި މިމެޗުން މޮޅުވުމުން ވަރަށް ހިތްހަމަ ޖެހިފައިވާ ކަމަށެވެ. ތިން ޕޮއިންޓް ލިބުމުން އަބަދުވެސް އުފާވާ ކަމަށާއި މިމެޗުން އޭނާގެ ޓީމް މޮޅުވުން ހައްގު ކަމަށެވެ. ބަރންލީގެ ކޯޗް ޝޯން ޑައިސް ބުނީ މެޗްގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށާއި ޓީމް މަޑުމަޑުން ހަމައަކަށް އެޅި ކުޅުމާއި ނެރޭ ނަތީޖާތައްވެސް މިހާރު ރަގަޅު ވާން ފަށާފައިވާ ކަމަށެވެ.