ދުނިޔެ

އިންޑިއާގައި ވެކްސިންދޭން ވެކްސިން ޝިޕްމަންޓްތައް ސިޓީތަކަށް


އިންޑިޔާގައި ކޯވިޑް ވެކްސިން ދިނުމުގެ މަޝްރޫޢު ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ވެކްސިންގެ ޝިޕްމެންޓްތައް ގެންދަން ފަށައިފިއެވެ.

އިންޑިޔާގެ ވައިގެ ދަތުރުފަތުރާއި ބެހޭ ވަޒީރު ހަރުދީޕް ސިންގ ޕޫރީ ވިދާޅުވީ އަންނަ ހުކުރުދުވަހު ވެކްސިންގެ 5.65 މިލިއަން ޑޯޒް އެކި ސިޓީތަކަށް ގެންދާނެކަމަށެވެ. އަދި މިތަކެތި އުފުލާނީ ވައިގެ މަގުންކަމަށްވެސް ހަރުދީޕު ވިދާޅުވިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ދިނުމުގެ މަޝްރޫޢު ފެށުމަށް އެ ޤައުމުން ތައްޔާރުވަމުންދާއިރު، އެ މަޝްރޫޢު ވެގެންދާނީ ދުނިޔޭގެ ވެކްސިން ދިނުމުގެ އެންމެ ބޮޑު ޙަރަކާތްކަމަށް އެ ޤައުމުންވަނީ ބުނެފައެވެ. ހޮނިހިރު ދުވަހު ވެކްސިން ދޭން ފަށާއިރު ފުރަތަމަ ވެކްސިން ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ބަލިޖެހުމުގެ ފުރުސަތު ބޮޑު 300 މިލިއަން މީހުން ހިމެނެއެވެ. މި އެންމެނަކީވެސް ކުރިޔަށް އޮތް ހަމަހާއި އަށްމަހުގެ ތެރޭގައި ބަލިޖެހުމުގެ ފުރުސަތު އޮތް މީހުންކަމަށްވެއެވެ.

އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 30 މިލިއަން ޞިއްޙީ ޚިދުމަތްތެރިންނަށާއި ކުރީ ސަފުގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށެވެ. އެއަށްފަހުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުން މަތީގެ އަދި ބަލި ޖެހިއްޖެނަމަ ޙާލު ދެރަވާނޭކަމަށް ބެލެވޭ 270 މިލިއަން މީހަކަށެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ އުފަން ސްޓޭޓުކަމުގައިވާ ގުޖުރާތުގެ ރަސްމީ ފަރާތްތަކުން ބުނީ ސަރުކާރުން މިވަގުތު އެންމެ މުހިންމުކަން ދޭނީ ހުރިހާ ސަރަޙައްދުތަކަށް ވެކްސިން ފޯރުކޮށްދިނުންކަމަށެވެ. އެ ސްޓޭޓުގެ ޗީފް މިނިސްޓަރުގެ ނައިބު، ނިތިން ޕަޓޭލް ވިދާޅުވީ އެ ސްޓޭޓަށް ގެންނަ ވެކްސިންތައް ވައިގެ ބަނދަރުން ސީދާ ގެންދާނީ އެ ވެކްސިންތައް ރައްކާކުރުމަށް ހަމަޖެހިފައިވާ ފިނިގުދަންތަކަށްކަމަށެވެ. އެއަށްފަހުގައި ވެކްސިންދޭ މަރުކަޒުތަކަށް އެ ވެކްސިންތައް ގެންދާނެއެވެ.

މިދިޔަ ހޯމަ ދުވަހުގައި ބޮޑުވަޒީރު މޯދީގެ ސަރުކާރުންވަނީ އިންޑިޔާގެ ޕޫނޭގައި ހުންނަ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސްއައިއައި)އިން ތައްޔާރުކޮށްފައިވާ 'ކޯވިޝީލްޑް' ވެކްސިން ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެ ހަފުތާއެއް ކުރިން އިންޑިޔާގެ ސަރުކާރުންވަނީ އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ ކުންފުންޏާއި އޮކްސްފޯޑު ޔުނިވަސިޓީން އުފައްދާފައިވާ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ.

އިންޑިޔާގައި މިހާތަނަށް 1.4 މިލިއަން މީހުންނަށް ކޯވިޑް ޖެހި 151،364 މީހުން މަރުވެފައިވާއިރު އެ ޤައުމު އޮތީ އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް މި ބަލި ޖެހުނު ޤައުމުގެ ގޮތުގައެވެ. ނަމަވެސް އެ ޤައުމުގައި ބަލިފެތުރޭ މިންވަރު މިހާރުވަނީ ކުރިއާއި އަޅައި ބަލައިރު މަޑުޖެހިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 12،482 މީހުންނަށް ބަލިޖެހި 166 މީހުންވަނީ މަރުވެފައެވެ. އެއީ މިދިޔަ ދެތިން މަހުގެ ތެރޭގައި އެއް ދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު އެންމެ ދަށްވި ދުވަހެވެ.