ދުނިޔެ

ވޮޝިންޓަންގައި ކުއްލި ޙާލަތު އިޢުލާނުކުރުމުގެ ޙުއްދަ ޓްރަންޕު ދެއްވައިފި


އެމެރިކާގެ ވެރިކަންކުރާ ސްޓޭޓުގައި ކުއްލި ޙާލަތު އިޢުލާނުކުރުމުގެ ޙުއްދަ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު ދެއްވައިފިއެވެ. ވޮޝިންޓަނުގައި ކުއްލި ޙާލަތު އިޢުލާނުކުރުމުގެ ޙުއްދަ ދީފައިވަނީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި އިންތިޚާބީ ރައީސް ޖޯ ބައިޑަން މަޤާމުގެ ހުވައި ކުރައްވާ ރަސްމިއްޔާތާއި ދިމާކޮށް އެ ސްޓޭޓުގައި ހަމަނުޖެހުން ހިންގުމުގެ ނުރައްކާ އޮތްކަމަށް ސަލާމަތީ އިދާރާތަކުން ބުނެފައިވަނިކޮށެވެ.

ހުވާކުރުމުގެ ރަސްމިއްޔާތާއި ދިމާކޮށް ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ ރައީސް ޓްރަންޕުގެ ނިންމެވުމާއިއެކު ވޮޝިންޓަންއަށް މައި ސަރުކާރުގެ އެހީތެރިކަން ޖަނަވަރީ މަހުގެ 24ވަނަ ދުވަހާއި ހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ. އެ ނިންމުމުގެ ދަށުން ފެޑެރަލް އެމަޖެންސީ މެނޭޖްމަންޓު އޭޖެންސީއަށް ކުއްލި ޙާލަތުގައި ދިމާވާ ކަންކަމާއި ގުޅިގެން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ވަޞީލަތްތައް ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ބާރު ލިބިދެއެވެ.

ވޮޝިންޓަންގައި ކުއްލި ޙާލަތު އިޢުލާނުކުރުމުގެ ޙުއްދަ ރައީސް ޓްރަންޕު ދެއްވާފައި މިވަނީ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުގައި ރައީސް ޓްރަންޕުގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުން ޤާނޫނު ހަދާ މަޖިލީސް ހިންގާ ކެޕިޓޮލް އިމާރާތަށް ވަދެގަނެ އެ އިމާރާތުގައި ހަމަނުޖެހުން އުފައްދައި ގެއްލުންދީފައިވަނިކޮށެވެ. އެމީހުން އެގޮތަށް ޢަމަލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ވަގަށް ނަގާފައިވާކަމަށް ރައީސް ޓްރަންޕު ކުރައްވާ ތުހުމަތުތަކަށް ބާރުދިނުމުގެ ގޮތުންނެވެ. އެ ހާދިޘާގައި ފުލުހަކު ހިމެނޭގޮތަށް ފަސް މީހަކުވަނީ މަރުވެފައެވެ.

ޖަނަވަރީ މަހުގެ 11ވަނަ ދުވަހުގައި އެމެރިކާގެ ޖާސޫސީ އިދާރާއެއްކަމަށްވާ އެފްބީއައިއިން އެ އިދާރާގެ އެކި ޑިޕާޓްމަންޓުތަކަށް ފޮނުވި މެމޯއެއްގައިވަނީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހާއި ދިމާކޮށް އެމެރިކާގެ 50 ސްޓޭޓުގައި ހަތިޔާރާއިއެކު މުޒާހަރާކުރުމުގެ ފުރުޞަތު އޮތްކަމަށް އަންގައިފައެވެ.

ވޮޝިންޓަންގެ މޭޔަރު މިއުރިއެލް ބައުޒާވަނީ ކެޕިޓޮލް އިމާރާތުގައި ހިނގި ހާދިޘާއަށް ރިޢާޔަތްކޮށް، ރައީސްކަމުގެ ހުވައިކުރުމުގެ ރަސްމިއްޔާތުގެ ކުރިން އެ ސްޓޭޓުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްދިނުމަށް އެދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއަށް ސިޓީއެއް ފޮނުއްވާފައެވެ. އެގޮތުން ޖަނަވަރީ މަހުގެ 11ވަނަ ދުވަހުން ފެށިގެން 24ވަނަ ދުވަހާއިހަމައަށް ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްދިނުމަށް އެ ސިޓީގައިވަނީ އެދިވަޑައިގެންފައެވެ.