ޚަބަރު

ފަލަސްޠީނަށް ވެކްސިން ހޯދުމަށް އިސްރާއީލުން އެހީތެރިނުވޭ


އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަންނަ މާރިޗު މަހުގެ ތެރޭގައި ފަލަސްޠީނަށް ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓު ގެންދާނެކަމަށް ފަލަސްޠީނިއަން އޮތޯރިޓީއިން ބުނެފިއެވެ.

ފަލަސްޠީނުގެ އާންމު ޞިއްޙަތާއިބެހޭ ޖެނެރަލް ޑިރެކްޓަރު، ޔާސިރު ބުޒްޔާ ވިދާޅުވީ އެސްޓްރަޒެނެކާގެ އިތުރުން މޮޑާނާ، ޖޮންސަން އެންޑް ޖޮންސަން އަދި ރަޝިޔާއިންވެސް ވެކްސިން ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ފަޤީރު އަދި މެދު ފަންތީގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުންވެސް ފަލަސްޠީނަށް ވެކްސިން ލިބޭގޮތަށްވަނީ ހަމަޖެހިފައެވެ.

ފަލަސްޠީނުގެ ބިންތަކަށް ނުހައްޤުން އިސްތިޢުމާރުވެފައިވާ އިސްރާއީލުން، އެ ޤައުމުން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކަށް ވެކްސިން ހޯދައިދިނުމުގެ ޒިންމާ ޢަދާ ނުކުރާކަމަށް ފަލަސްޠީނުންދަނީ ތުހުމަތުކުރަމުންނެވެ. ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްޠީނުގެ ބިން ތަކަށް ވެރިވެގަނެފައިވާ ބައެއްގެ ހައިޞިއްޔަތުން އިސްރާއީލުން ޢަދާކުރަންޖެހޭ ޒިންމާތަކުން އިސްރާއީލުން ރެކިގަނެފައިވާކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނާއިމެދު އިޖުތިމާޢީ ތަފާތުކުރުން ގެންގުޅޭކަމަށެވެ. އަދި އެމީހުންނަށް ލިބެންޖެހޭ ބޭސްފަރުވާގެ ހައްޤަށް ހުރަސް އަޅަމުންދާކަމަށް އެ ވުޒާރާއިން ބުންޏެވެ. ވެކްސިން ހޯދުމަށް ފަލަސްޠީނުން ކުރަމުންދާ މަސައްކަތަކީ އިސްރާއީލުން ޢަދާކުރަންޖެހޭ ޒިންމާތަކުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުންނަށް ވެކްސިން ހޯދައިދޭން ނުޖެހޭ ސަބަބެއް ނޫންކަމަށް އެ ވުޒާރާއިން ބުންޏެވެ.

އިސްރާއީލަކީ މިވަގުތު އެންމެ ހަލުވިކޮށް ކޯވިޑް-19 ދެމުންދާ ޤައުމެވެ. އިސްރާއީލާއި ފަލަސްޠީނިއަން އޮތޯރިޓީއާއި ދެމެދުވެފައިވާ ސުލްޙައިގެ އިބްތިދާޢީ އެއްބަސްވުމުގެ ދަށުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ 'އޭރިއާ އޭ' އަދި 'ބީ' ހިންގުމުގައި ފަލަސްޠީނިއަން އޮތޯރިޓީއަށް ހަނި ބާރުތަކެއް ލިބެއެވެ. ނަމަވެސް އެ އެއްބަސްވުމުގެ ސަބަބުން ފަލަސްޠީނުގެ އިޤްތިޞާދުގެ ފުރިހަމަ ބާރާއި ހުޅަނގު އައްސޭރީގެ 'އޭރިއާ ސީ'ގެ މަދަނީ ކަންކަމާއި ސަލާމަތީ ކަންކަމުގެ 60 އިންސައްތަ އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ. ހުޅަނގު އައްސޭރީގެ ބައެއް ސަރަޙައްދުތައް ހިންގާ، ދާޚިލީ ސަލާމަތުގެ ކަންކަން ބެލެހެއްޓުމުގެ ބާރު ފަލަސްޠީނިއަން އޮތޯރިޓީއަށް ދީފައިވާ ނަމަވެސް މުޅި ސަރަޙައްދަށް އިސްރާއީލުގެ އަސްކަރީ ބާރު ފޯރުވައެވެ.

އިސްރާޢީލުގެ ވެކްސިން ޕްރޮގުރާމުގެ ދަށުން އިސްރާއީލުގެ ރަށްވެހިކަން އޮތް ފަލަސްޠީނުގެ ރައްޔިތުންނާއި އިސްރާޢީލުން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދޭންޖެހެއެވެ. ނަމަވެސް ހުޅަނގު އައްސޭރީގައި ވެކްސިން ފޯރުކޮށްދެމުންދަނީ އެ ސަރަޙައްދުގައި ދިރިއުޅޭ ޔަހޫދީންނަށް އެކަންޏެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ވެކްސިން ފޯރުކޮށް ނުދޭތީ އިންސާނީ ހައްޤުތަކާއިބެހޭ ޖަމުޢިއްޔާތަކުންދަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިންވެސްވަނީ ފަލަސްޠީނުގެ ޞިއްޙީ އެހީތެރިންނަށް ދިނުމަށްޓަކައި އިސްރާއީލުން ވެކްސިން ފޯރުކޮށްދިނުމާއިގުޅޭގޮތުން އިސްރާއީލާއިއެކު ނުރަސްމީ މަޝްވަރާތައް ކޮށްފައިވާކަމަށް ބުނެފައެވެ. އިސްރާއީލުން މިހާތަނަށް ބުނަމުން ދަނީ އެ ޤައުމުގެ ބޭނުންތައް ފުދުމުން ފަލަސްޠީނަށް ވެކްސިން ފޯރުކޮށްދެވިދާނެކަމަށެވެ.