ޚަބަރު

އެވިޑް ކޮލެޖުގެ ރެކްޓަރގެ މަޤާމަށް ޑރ.ސުނީނާ ރަޝީދު


އެވިޑް ކޮލެޖުގައި ފުރަތަމަ ފަހަރަށް ރެކްޓަރގެ މަޤާމު އުފައްދަވައި އެމަޤާމަށް ޑރ.ސުނީނާ ރަޝީދު ހަމަޖައްސަވައިފިއެވެ.

އެވިޑް ކޮލެޖުގައި ރެކްޓަރ ޢައްޔަންކުރުމާއި އެހެނިހެން މަޤާމުތަކަށް މީހުން ހަމަޖައްސަވާ މަޤާމުތަކުގެ ކުރިއެރުން ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކުރުމަށް ބޭއްވިސް ރަސްމިއްޔާތުގައި ޑރ.ސުނީނާއަށް ރެކްޓަރ ކަމުގެ މަޤާމާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަމަން ޢަބްދުﷲ މުޝްތާޤް ރަޝާދެވެ. ޑރ.ސުނީނާ މިމަޤާމަށް ޢައްޔަންކުރުމުގެ ކުރިން ހުންނެވީ އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރގެ މަޤާމުގައެވެ.

އޭނާއާއެކު މިރަސްމިއްޔާތުގައި ވަނީ އެކޮލެޖުގެ ވައިސް ރެކްޓަރގެ ގޮތުގައި ދެބޭފުޅަކު ހަމަޖައްސަވާފައެވެ. އެގޮތުން މިމަޤާމަށް ހަމަޖައްސަވާފައިވަނީ ކުރިން ޑެޕިއުޓީ ރެކްޓަރއިންގެ މަޤާމުގައި ތިއްބެވި އަޙްމަދު ފަޔާޒް ޙަސަނާއި ޢަލީ ރަޝީދެވެ. މީގެއިތުރުންވެސް ވޭތުވެދިޔަ ތަނުގައި އެވިޑް ކޮލެޖަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކަށްވަނީ ވަޒީފާގެ ކުރިއެރުން ލިބިފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެވިޑް ކޮލެޖްގެ ޗެއަމަން ޢަބްދުﷲ މުޝްތާޤް ރަޝާދު ވިދާޅުވީ ކޮލެޖު ކުރިއެރުވުމަށް އަދި ވާސިލުވާން ބޭނުންވާ މަންޒިލަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަކަމަށެވެ. އަދި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރިކަން ޗެއަމަން ވަނީ ފާހަގަކުރައްވާފައެވެ.

"މިއަދަކީ އެވިޑް ކޮލެޖަށް ވަރަށް ޚާއްސަ ދުވަހެއް. ކޮލެޖުން މިވަނީ އިތުރު ހަރުފަތަކަށް ޖެހިލާފަ. އަދިވެސް ކުރަން ހުރި މަސައްކަތް ވަރަށް ގިނަ. އެވިޑް ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމަކީ ކޮލިޓީ އެއްޗަކަށް ހެދުމަށް އަދިވެސް ޓީމުން ގިނަ މަސައްކަތްކުރަންޖެހޭ." މުޝްތާޤް ރަޝާދު ވިދާޅުވިއެވެ.

އެވިޑް ކޮލެޖުގައި ރެކްޓަރއާއި ވައިސް ރެކްޓަރސްގެ އިތުރަށްވަނީ އެހެނިހެން މަޤާމުތަކަށް ހަމަޖެހުނު ފަރާތްތަކަށްވެސް ސެޓްފިކެޓު ޙަވާލުކޮށްފައެވެ.

2004ވަނަ އަހަރު އެވިޑް މޯބައިލް ޓްރޭނިންގެ ނަމުގައި ފެށިގެން އައިނަމަވެސް ޚިދުމަތްތައް އިތުރަށް ފުޅާކޮށް އެވިޑް ކޮލެޖަކަށް ބަދަލުކޮށްފައިވަނީ 2005ވަނަ އަހަރުގައެވެ. މިހާރު އެކޮލެޖަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގައި ތަޢުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަނެކެވެ. މާލޭގެ އިތުރުން އެކޮލެޖުގެ ކެމްޕަހެއްވަނީ މިދިޔަ 2020ވަނަ އަހަރުގެ ތެރޭގައި ގދ.ތިނަދޫގައި ހުޅުވާފައެވެ.