ދުނިޔެ

ދަތުރުކުރަން އޮތީ އެހެން ފްލައިޓަކުން، ބޯޓު ބަދަލުވީ ކުރީ ރޭ


ބޯޓު ނައްޓާލިތާ އިރުކޮޅެއްގެ ތެރޭގައި ޖާވާ ކަނޑަށް ވެއްޓުނު އިންޑިނޭޝިޔާގެ މަތިންދާ ބޯޓުން ދަތުރުކުރި 62 ފަސިންޖަރުންގެ ޢާއިލާތަކުން ތިބީ ލޯބިވާ ޢާއިލާގެ މެންބަރުންގެ ޚަބަރެއް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.

މަތިންދާބޯޓުގެ މަޢުލޫމާތުތަކާއި ކޮކްޕިޓުގައި ދެކެވޭ ވާހަކަތަކާއި އަޑުތައް ރެކޯޑުކުރާ ކަޅު ފޮށިތައް ވީތަން މިހާރު ވަނީ ހޯދާފައެވެ. އެހެންނަމަވެސް ބޯޓުން ދަތުރުކުރި އެއްވެސް މީހެއްގެ ހަބަރެއް އަދި ނެތެވެ.

ސްރީވިޖަޔާ އެއާގެ އެސްޖޭ182 ބޯޓު އިންޑިނޭޝިޔާގެ ޕޮންޓިއަކަށް ދަތުރުކުރުމަށް ޖަކާޓާ އެއާޕޯޓުން ނައްޓާލާފައިވަނީ ހޮނިހިރު ދުވަހުގެ ޖީއެމްޓީ ގަޑިން 7:36 ގައެވެ. އެއަށްފަހު ބޯޓުގެ ޕައިލެޓުވަނީ 29،000 ފޫޓުގެ އުސްމިނަށް ބޯޓު އުފުލުމަށް އެދުމަށް އެއާ ޓްރެފިކް ކޮންޓްރޯލަށް ގުޅާފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ބޯޓު ރާޑަރުން ގެއްލި، ބޯޓާއިއެކު އޮތް މުވާސަލާތީ ގުޅުންވަނީ ކެނޑިފައެވެ. އޭގެ ފަހުން ބޯޓް ދަތުރުކުރަމުންދިޔަ އުސްމިނުން 10000 ފޫޓް ތިރިއަށް މިނެޓެއްގެ ތެރޭގައި ވެއްޓުނުތައް ފްލައިޓްރާޑާ 24 ރިކޯޑްކުރެވިފައިވެއެވެ.

މި ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ޔޫދީ ގުރުދާނީގެ ޢާއިލާއަށް ނިސްބަތްވާ ފަސް މީހުން ހިމެނެއެވެ.
ގުރުދާނީގެ ބޮޑުބޭބެ، ޓޯނީ އިސްމާޢިލް، ބޮޑުދައިތަ ރަޙްމައާތީ އަދި ދެބެންގެ ދެދަރި ކުއްޖެއްކަމަށްވާ ރާތިހު ވިންދާނިޔާ، އަދި ރާތިހުގެ އަންހެން ދަރިފުޅު، އުމުރުން ހަތަރު އަހަރުގެ ޔުމްނާ ފާނީ ސްޔަތުޒަހްރު ޕޮންޓިއަނަކަށް ދަތުރުކުރަމުން ދިޔައީ ޖާވާގެ ބަންޑަންގުގައި ޗުއްޓީ ހޭދަކުރުމަށްފަހުގައެވެ.

ގާތް ޢާއިލާ މެންބަރުންނާއިއެކު އެ ދަތުރުގައި ގުރުދާނީއަށް ބޮޑުބޭބެ ކިޔާ ކުއްޖެއްކަމަށްވާ އަށް އަހަރުގެ އަތުހަރް ރިޒްކީ ރިއާވާންވެސްވަނީ ބައިވެރިވެފައެވެ. އަތުހަރުގެ މައިންބަފައިން ބަންޑަންގަށް ކުރި ދަތުރުގައި ބައިވެރިވެފައެއް ނުވެއެވެ. އެމީހުން ތިބީ ޕޮންޓިއަކުގައެވެ.

ކުރިން ރާވާފައި އޮތް ގޮތުން އެއް ޢާއިލާއަށް ނިސްބަތްވާ މި ފަސް މެންބަރުން ދަތުރުކުރަން ހަމަޖެހިފައި އޮތީ އެހެން ފުލައިޓެއްގައެވެ. އެމީހުން ޓިކެޓު ގަނެފައި އޮތީ ނާމް އެއާގެ މަތިންދާ ބޯޓެއްގައި ހޮނިހިރު ދުވަހުގެ 7 ޖަހާއިރު ޕޮންޓިއަކަށް ފުރުމަށެވެ. ނަމަވެސް ތަގުދީރު ނިޔާކުރިގޮތުން ފުރަން އޮތް ދުވަހުގެ ކުރީ ރޭ ނާމް އެއާއިން އެ އާއިލާއަށް ގުޅިއެވެ. އަދި އެމީހުންގެ ދަތުރު ސްރީވިޖަޔާ އެއާއަށް ބަދަލުވިކަމާއި ފުލައިޓަށް މެންދުރު 1.30ގައި ފުރަންޖެހޭކަން އެންގިއެވެ.

ޢާއިލާއިން ޤަބޫލުކުރާ ގޮތުގައި ސްރީވިޖަޔާ އެއާގެ ސަބްސިޑަރީއެއްކަމަށްވާ ނާމް އެއާއިން އެ އެއާލައިނުގައި ދަތުރުކުރަން ހަމަޖެހިފައިވާ ފަސިންޖަރުން ސްރީވިޖަޔާ އެއާގެ ފުލައިޓަށް ބަދަލުކުރީ އެ އެއާލައިނުގެ ޓިކެޓު އަގުހެޔޮވުމުންނެވެ.

ދެ ފުލައިޓު އެއްކޮށްލުމުން ކެންސަލްކުރި ނާމް އެއާގެ ފުލައިޓުގެ ހަ ފަޅުވެރިންވެސް ސްރީވިޖަޔާ އެއާގެ ފުލައިޓުގައިވަނީ ދަތުރުކޮށްފައެވެ. އޭގެ ތެރޭގައި އެ ބޯޓުގެ ކެޕްޓަން ދިދިކް ގުނާރުދީއާއި ފަސްޓު އޮފިސަރު ފަދްލީ ސަޓްރިއާންޓޯ އަދި ހަތަރު ކެބިން ކުރޫއިން ހިމެނެއެވެ.

އިންޑޮނޭޝިޔާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އޭޖެންސީން ވަނީ ބޯޓުގެ ބައިތަކާއި ބޯޓު ވެއްޓުމުން ކަނޑަށް ދޫވެފައިވާ ބައެއް ތަކެތިކަމަށް ޝައްކުކުރެވޭ ތަކެތީގެ ފޮޓޯތަކެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ކުޑަ ކުއްޖެއްގެ ފިޔާތޮށި ކުލައިގެ ޓީޝާޓެއް ފެނެއެވެ. ގުރުދާނީ ޤަބޫލުކުރާ ގޮތުގައި އެ ޓީޝާޓަކީ ހަތަރު އަހަރުގެ ޔުމްނާގެ ޓީޝާޓެކެވެ.

ގުރުދާނީ ބުނީ ޔުމްނާ ފުރަން ދިޔައިރު ލައިގެން ހުރީ އެ ޓީޝާޓު ނޫން ނަމަވެސް އެ ޓީޝާޓަކީ ޗުއްޓީއަށް ދިޔުމަށް ފުރިއިރު ޔުމްނާގެ މަންމަ ފޮށީގައި ބަންދުކުރި ޓީޝާޓެއްކަމަށެވެ. އެ ޓީޝާޓަކީ ޔުމްނާ ވަރަށް ގިނައިން ލައި އުޅޭ ޓީޝާޓެއްކަމުން ޓީވީން އެ ޓީޝާޓު ފެންނަ އިރަށް އެއީ ޔުމްނާގެ ހެދުމެއްކަމަށް ޝައްކުވިކަމަށެވެ. ގުރުދާނީ ބުނީ އެއީ ޔުމްނާގެ ޓީޝާޓުކަމަށް ޢާއިލާއަށް ޔަޤީންކުރެވޭކަމަށެވެ.

މަތިންދާބޯޓަށް އެރުމުގެ ކުރިން ޔުމްނާގެ މަންމަ، ވިންދާނިއާވަނީ އެއާޕޯޓު ތެރޭގައި އޭނާގެ ޢާއިލާ އުޅޭތަން ދައްކުވައިދޭ ގިނަ ސްޓޯރީތަކެއް އިންސްޓާގުރާމުގައި ޙިއްސާކޮށްފައެވެ. އެތަނުން އެއް ސްޓޯރީގައި އޮތީ ޢާއިލާގެ ހުރިހާ މެންބަރުންނަށް އަލްވަދާޢު ކިޔުމަށްފަހު ގެއަށް ދަނީކަމަށް ލިޔެފައެވެ. އެ ޕޯސްޓުތަކަށް މިހާރުދަނީ އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބެމުންނެވެ. އެތައް ބަޔަކު ދަނީ އެ ޕޯސްޓުތަކުގައި ތަޢުޒިޔާގެ މެސެޖުތައް ޝާޢިއު ކުރަމުންނެވެ.

ޢާއިލާގެ މެންބަރުންގެ ޚަބަރެއްގެ އިންތިޒާރުގައި ގުރުދާނީގެ ޢާއިލާއިން މިހާރުތިބީ ކްރަމަތު ޖާޓީ ޕޮލިސް ހޮސްޕިޓަލަށް އެއްވެއެވެ. ހަށިގަނޑުތައް ފެނިއްޖެނަމަ އެމީހުންގެ ޢާއިލާގެ މެންބަރުން ދެނެގަތުމަށް އެހީތެރިވެ ދިނުމަށް އެމީހުން ތިބީ ތައްޔާރުވެގެންނެވެ. އަތްހަރުގެ މައިންބަފައިންވަނީ އެމީހުންގެ ޑީއެންއޭ ސާންޕަލުވެސް ދީފައެވެ. ހަމަ އެގޮތަށް، ޖަކާޓާގައި ދިރިއުޅޭ އިސްމާއީލާއި ރަޙްމަވާތީގެ ޢާއިލާއިންވެސްވަނީ ޑީއެންއޭ ސާންޕަލު ދީފައެވެ.

ގުރުދާނީ ބުނީ ބޯޓުގެ ކަޅުފޮށި ފެނިފައިވާކަން ޚަބަރުތަކުން އެނގިފައިވާކަމަށެވެ. އެންމެ ގޯސް ޙާލަތަށްވެސް ޢާއިލާއިން ތައްޔާރަށް ތިބި ނަމަވެސް ޢާއިލާގެ އުއްމީދަކީ ބޯޓު ވެއްޓުމުގެ ނުރައްކާތެރި އަދި ބިރުވެރި ހާދިޘާގައި ކޮންމެވެސް ބަޔަކު ސަލާމަތްވެފައިވުމެވެ.

އެތައް ބައެއްގެ ލޯބި ލިބިފައިވާ ގިނަ ބަޔަކު ދަތުރު ކުރި މި ފްލައިޓު ވެއްޓެން ދިމާވި ގޮތުގެ މާ ބޮޑު ތަފްސީލެއް އަދިވެސް ނުލިބެއެވެ.